އުއްތަމަ ފަނޑިޔާރުގެ ގެކޮޅުގެ ސެކިއުރިޓީ ބުރީޗް ވިގޮތް ބެލުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ކެމެރާތަކާ މީހަކު ކުޅެފައިވާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މައްސަލަ ހުށަހަޅުއްވަމުން މޫސާ ސިރާޖު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް، ހައެއް މެއިގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް މިހާރުވެސް ގެންދަވަނީ ފަރުވާ ހޯއްދަވަމުން ކަމަށެވެ.

އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދިޔަ ޕާލަމެންޓްރީ އިންކުއަރީން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ސަލާމަތީ ހިދުމަތް ފޯރުކޮށް ދިނުމުގައި ބަލަންޖެހޭ ކަންކަން ބެލިފައިނުވާ މައްސަލަ ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސަށް އެހަމަލާ ދިންތާ ފަސް މަސް ހަމަނުވަނީސް އިވިގެން މިދިޔައީ، އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ ބްރީޗެއް ހިނގި ވާހަކަ ކަމަށާއި ދައުލަތުގެ ތިންބާރުގެ ތެރެއިން ދެބާރުގެ ވެރިންގެ ސެކިއުރިޓީ ބުރީޗްވުމަކީ މުޅި ރައްޔިތުންގެ ސެކިއުރިޓީއާމެދު ސުވާލު އުފެދޭ ކަމެއް އަދި ބިރުވެރިކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގާފައި ވަނިކޮށް، އުއްތަމަ ފަނޑީޔާރުގެ ގެކޮޅަށް ވަންނަން މަސައްކަތްކުރީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ފަރާތެއް ކަމަށް ބުނެ ނިންމާލެވޭ ވަރަށްވުރެ، ސީރިއަސްކޮށް ކަންކަން ނަގަންޖެހޭ ވަރަށް ގައުމުގެ ހާލަތު ގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ޖަލްސާގައި ތިއްބެވި 29 މެންބަރުންގެ ތެރެއިން 28 މެންބަރުން ވޯޓު ދެއްވައިގެން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ވަނީ ބަހުސްކުރަން ފަށަައިފައެވެ.

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަންނަން މީހަކު މަސައްކަތްކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، އެއީ މަސްތުވާތަކެތީގައި ޖެހިފައިވާ މީހެއްގެ ފަރާތުން ހިނގާފައިވާ ކަމެއް ކަމަށެވެ.