އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގެ އިނގުރައިދޫ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނަން ނިންމައިފިއެވެ.

އެމްޑީޕީން މިއަދު ވަނީ ދާއިރާތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފައެވެ. ނަމަވެސް ޝަކުވާތަކާ ގުޅިގެން ދެ ދާއިރާއެއްގެ ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ. އެއީ ތ. ގުރައިދޫ ދާއިރާ އާއި ރ. އިނގުރައިދޫ ދާއިރާއެވެ.

އެމްޑީޕީން ބުނީ، އިނގުރައިދޫ ދާއިރާގެ ބައެއް ވޯޓުފޮށި ގުނި ގޮތާމެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށްފަހު އެ ދާއިރާގެ ހުރިހާ ވޯޓު ފޮއްޓެއް އަލުން ގުނުމަށް ޝަކުވާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އަލުން ގުނުމަށްފަހު އެދާއިރާގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތާ ގުޅިގެން ތ. ދިޔަމިގިލީގައި ވޯޓުލުން ކުރިއަށް ގެންގޮސްފައި ނުވެއެވެ. އެމްޑީޕީން ކުރިން ނިންމާފައިވަނީ ތ. ގުރައިދޫ ދާއިރާގެ ވަކި މަގާމަކަށް ހޮވޭ މީހުންނާއި އެ މީހުންނާ ވިދިގެން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ދެމެދު އޮތް ފަރަގަކީ ދިޔަމިގިލީގައި ވޯޓުލީނަމަ، ނަތީޖާއަށް ބަދަލު އަންނާނެ ފަރަގެއް ކަމުގައިވާނަމަ ދިޔަމިގިލީގައި އޮތް ކޮވިޑްގެ ހާލަތު ފިލުމުން، އެ ރަށުގައި އަދި މާލޭ-ދިޔަމިގިލި މެންބަރުންގެ ވޯޓު ނެގުން، ފަހުގެ ތާރީހެއްގައި ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ގުރައިދޫ ދާއިރާގެ ގުރައިދޫ އާއި ގާދިއްފުއްޓާއި އަދި އެ ދާއިރާގެ މާލޭ ފޮށީގެ ޖުމްލަ ނަތީޖާއަށް ބަލާއިރު، ދިޔަމިގިލީގައި ވޯޓުލީ ނަމަ، އާހިރު ނަތީޖާއަށް ބަދަލު އަންނާނެ ވަރަށް ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރި ފަރަގު ހަނިވެފައިވާތީ ފަހުގެ ތާރީހެއްގައި އެރަށުގައި ވޯޓު ނެގުން އޮންނާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އިންތިހާބުގައި 93،646 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު ވޯޓުލާފައިވަނީ 47،100 މީހުންނެވެ. މި އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަކުރިއެވެ. އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކޮށްފައިވެއެވެ.