ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޖުލައި މަހުގައި ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ބޮޑުވެފައިވަނީ އީދު ބަންދުގެ މުއްދަތުގައި ކަރަންޓު ބޭނުންކުރި މިންވަރު ހިމެނިފައިނުވުމުން ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

ސްޓެލްކޯއިން މިދިޔަ ޖުލައި މަހުގެ ފޮނުވި ކަރަންޓު ބިލު ބޮޑުވިކަމުގެ ޝަކުވާތައް ވަނީ ގިނަ ބަޔަކު ކޮށްފައެވެ. އަދި އެ ޝަކުވާތައް ބޮޑުވެ ބިލުތައް ބޮޑުވާން ދިމާވި މައްސަލަ ޔޫޓީލިޓީ އޮތޯރިޓިން ބަލަން ފަށާފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

އެ މައްސަލަ ބެލުމަށްފަހުގައި، އެ އޮތޯރިޓީން މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ސްޓެލްކޯއިން ޖުލައި މަހު ފޮނުވާފައި ބިލަކީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައިވާ ވަރަށް ބިލުކޮށްފައިވާ ބިލުތަކަކަށް ވިޔަސް، ބިލު ފޮނުވާފައި ވަނީ ޖުލައި މަހުގެ ފަހުކޮޅުގައިކަމަށްވާތީ، އީދު ބަންދުގެ މުއްދަތު (ޖުލައި 19- 30 އަށް) ބިލުކުރި މުއްދަތު ހިމެނިފައިނުވާ ކަމަށެވެ.

އެހެންކަމުން އީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައިނުވާތީ އެ ބިލުތައް ކުޑަ ނުވީ ކަމަށާއި އެ މުއްދަތުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުން ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ، ކޮވިޑާ ގުޅިގެން ސަރުކާރުން ދިން 40 ޕަސެންޓުގެ ޑިސްކައުންޓު ޖޫން މަހުގެ ބިލުތަކަށް ދިން ނަމަވެސް ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ޑިސްކައުންޓު ހިމެނިފައިނުވާ ކަމަށާއި އެހެންކަމުން އެ ތަފާތުވެސް އެ ބިލުން ފެންނާނެ ކަމަށެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު މީގެ ކުރިން "ވަން" އަށް ވިދާޅުވީ، މިދިޔަ ޖުލައި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ފާހަގަކުރެވެނީ ކޮވިޑާ ގުޅިގެން ދިން ސަބްސިޑީ އުނިކޮށްފައިވާތީއެވެ. އަދި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖު ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.