ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ މުޅި ރާއްޖެ އަށް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދަށްވުރެ މާދަމާ ވާރޭވެހުން މަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ މޫސުން ގޯސްވެ މުޅި ރާއްޖެއަށް އެލާޓް ނެރެފައިވާ ކަމަށެވެ. އެގޮތުން ނ. އަތޮޅުން ދ އަތޮޅަށް އޮރެންޖު އެލާޓު ނެރެފައިވާއިރު ހއ. އިން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް އަދި ހުވަދޫ އާއި އައްޑޫ ސިޓީއަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އޮރެންޖު އެލާޓު ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށެވެ.

އޭގެއިތުރުން އެ އިދާރާއިން ބުނީ ޔެލޯ އެލާޓު ނެރެފައިވާ ސަރަހައްދުތަކަށް ކުރިޔަށް އޮތް ހަތަރު ގަޑިއިރަށް މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ. ކަނޑު ގަދަވުމާއެކު ބައެއް ރަށްރަށަށް އުދަ އަރައިފާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައިއެވެ.

ހުރިހާ ފަރާތްތަކުން ވެސް އަދި ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެއަށްވެސް މިއަދު ވައިގަދަވެ ވިއްސާރަ ކުރަމުންދާތީ ބުރިޖު ހައިވޭ އިން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.