ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސް މެދުވެރިކޮށް ފައިސާވެސް ދޫކުރާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަކީ ސޯޝަލް ހައުސިންގެ ދަށުން ލިބިފައިވާ ފްލެޓް ނިންމުމާއި މަރާމާތުކުރުމުގެ އިތުރުން އެތަނަށް ބޭނުން ތަކެތި ގަތުމަށް ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަަކަށް ހާއްސަކޮށް ބީއެމްއެލް އިސްލާމިކް އިން ރަހުނަކާ ނުލައި ދޫކުރާ ފެސިލިޓީއެކެވެ. ސޯޝަލް ހައުސިންގެ ދަށުން އަތޮޅުތެރޭގައި ދޫކޮށްފައިވާ ތަންތަނަށް ވެސް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ އެވެ.
ބީއެމްއެލް އިސްލާމިކް ބޭންކިން ޑިވިޝަންގެ އިންޓެރިމް އިންޗާޖް ހަސަން ކަލާމް ވިދާޅުވީ އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރަން ނުޖެހި މުދަލާއި ނަގުދު ފައިސާ ވެސް ލިބޭނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކް ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގެ ދަށުން ފައިސާ ދޫކުރަނީ ޕްރޮޖެކްޓަކަށް 150،000 ރުފިޔާއާ ހަމައަށެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެއެވެ. އިސްލާމިކް ފައިނޭންސްގެ އުސޫލުތަކުގެ ދަށުން ފެސިލިޓީގެ މުއްދަތުގެ ކުރިން އަވަހަށް ފައިސާ ދައްކައި ހަލާސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި އަވަހަށް ފައިސާ ދައްކައި ހަލާސް ކުރާނަމަ ބޭންކުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޑިސްކައުންޓް ލިބޭނެއެވެ.
މި ފެސިލިޓީ އަށް ދާދިފަހުން ގެނެވުނު ބަދަލާއެކު، އާއިލާގެ މެންބަރުންގެ ގޮތުގައި ފެސިލިޓީގައި ބައިވެރި ކުރެވޭނީ މަންމަ، ބައްޕަ އަދި ކައިވެނީގެ ގޮތުން ގުޅުން ހުރި ފަރާތްތަކުގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި ދަރީންނެވެ. އަދި މާމަ ނުވަތަ ކާފަ އަދި މާމަ ނުވަތަ ކާފަ ދަރިންނަށެވެ.
މި ފެސިލިޓީއަށް އެދި، އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު މާލެއިންނަމަ ހުށަހަޅާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗަށެވެ. އަދި މާލެއިން ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދެއް ނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށް ވެސް ފޯމު ހުށަހެޅޭނެއެވެ. ކޯޓޭޝަންގެ ކުލަ ކޮޕީއެއް (ޕީޑީއެފް ފޯމެޓް ގައި) [email protected] އަށް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު