މިދިޔަ ހުކުރު ދުވަހުގެ ރޭ، ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒު، ފިޔަވަތީގައި ހަމަނުޖެހުންތައް ހިނގި ވަގުތު، މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ މެމްބަރު އިބްރާހިމް ޝުޖާއު އެރޭ އެތަނަށް ވަޑައިގެން، އެ މަރުކަޒުގެ އެތެރެއަށް ވަދެ، އެތަނުގައި ތިބި ކުދިންނާ ވާހަކަދެއްކި ކަމަށް ބުނެ، އެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވާން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އޭނާއަށް އަންގައިފިއެވެ.

އެލްޖީއޭ އިން އިއްޔެގެ ވަގުތެއްގައި މިގޮތަށް އަންގާފައިވާ އިރު، ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެ ހާދިސާ ހިނގަމުންދިޔަ ވަގުތު، ޝުޖާއު އެ މަރުކަޒަށް ވަދެ އެތަނުގައި ދިރިއުޅެމުންދާ ކުދިންނާ ވާހަކަދައްކާފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދިނުމަށް އެދި އެލްޖީއޭއަށް ސިޓީއެއް ފޮނުވައިފައެވެ.

ރައްޔިތުންގެ މަޖިލީހުން އެލްޖީއޭއަށް ފޮނުވި ސިޓީގައި، އެ މަރުކަޒަށް އާންމުން ވެއްދުމުގައި ޝުޖާއު ބައިވެރިވި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އެލްޖީއޭ އިން ވަނީ ކަން ހިނގާފައިވާ ގޮތާއި، އެކަމާ ގުޅޭގޮތުން ފާހަގަކުރައްވަން ބޭނުންވާ ކަންކަމުގެ ބަޔާނެއް ލިޔުމުން ހުށަހެޅުއްވުމަށް ޝުޖާއުއަށް އަންގައިފައެވެ. އެގޮތުން އަންނަ އާދީއްދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޝުޖާއު އެކަމަށް ޖަވާބުދާރީވެ، އަދި އެ އޮތޯރިޓީއަށް ފޮނުވުމަށް އެލްޖީއޭ އިން އަންގާފައިވެއެވެ.

އެކަމާ ގުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި އެލްޖީއޭގެ ރައީސާ އަފްޝަން ލަތީފް ޓެގްކުރައްވައި، ލިޔުމުން ޖަވާބުދިނުމުގެ ބަދަލުގައި އެލްޖީއޭއަށް ހާޒިރުކޮށްގެން ޖަވާބު ހޯދުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ލާޒިމުކުރާ ކަންކަން ކުރުމުގައި ފަސްނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.