ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ގްރޭޓާ މާލޭ ކަޕް، އަންނަ ހުކުރު ދުވަހު ފަށަން ހަމަޖައްސައި، މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކުޑަ އިވެންޓުގައި ގްރޭޓާ މާލޭ ކަޕްގައި ވާދަކުރާ 32 ޓީމުގެ މެނޭޖަރުންނާއެކު މުބާރާތުގެ އޮފިޝަލުންވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތަކީ ނޮކްއައުޓް އުސޫލުން ކުރިއަށް ގެންދާ މުބާރާތަކަށްވާއިރު، ގުރުއަތު ނަގާފައި ވަނީ ޓީމުތަކުން ފުރަތަމަ ވާދަކުރަން ޖެހޭ މެޗުތައް ބެލުމަށެވެ. ފުރަތަމަ ބުރުގެ މެޗުތައް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.
ގުރުއަތުލުމަށް ބޭއްވި ހަފުލާގައި ހެޑް ރެފްރީ ހާޖީ ވަނީ މުބާރާތް ކުރިއަށްދާއިރު ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަން މެނޭޖަރުންނާ ހިއްސާކޮށްފައެވެ. އެގޮތުން ޑިސިޕްލިންގެ މުހިއްމު ކަމާއި، އެކިއެކި ގޮތްގޮތުން ދިމާވެދާނެ އަހުލާގީ މައްސަލަތައް ކުޑަކުރުމަށް ކަންކަން ރާވަން ޖެހޭނެ ގޮތްތައްވެސް ހާޖީ ވަނީ ހިއްސާ ކޮށްފައެވެ.
މެޗުތައް ދެއްކުމުގައި އިންޓަވިއުތަކާއެކު، ތަފާތު ލައިވް އިވެންޓްތަކަށް އަމާޒުކޮށް، މުބާރާތް "ޔުނީކް" ގޮތަކަށް ގެނެސްދޭން ޓެކާސްއިން ވަނީ ސަމާލުކަން ދީފައެވެ. އެގޮތުން މެޗުތައް ފޯރިގަދަ ކުރުމަށް ކޮމެންޓްރީ ދިނުމަށް ދިވެހި ދެ ފަންނާނުން ހަމަޖައްސައިފައިވެއެވެ. އެއީ ލަވަކިޔުންތެރިޔާ އިބްރާހިމް އަމާން ހުސެއިންގެ އިތުރުން ޓިކްޓޮކްގައި ފާހަގަކޮށްލެވޭ އައިމިނަތު ޝާނާ އެވެ.
ޓެކާސް އިން އިއުލާން ކުރި ޗެމްޕިއަންޝިޕުގައި ހިމެނެނީ މާލެ ސަރަހައްދާއި ރިޒޯޓުތަކާއި ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ތަފާތު ތިން މުބާރާތެކެވެ.
ގްރޭޓާ މާލޭ ކަޕަށްފަހު ދެން އޮންނާނީ "ޓެކާސް ރިސޯޓް ކަޕް"ގެ ނަމުގައި ބާއްވާ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ 60 ރިސޯޓެއް ބައިވެރިކުރާނެއެވެ. އަދި "ޓެކާސް މޯލްޑިވްސް ކަޕް"ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ އަތޮޅު ފެންވަރުން ފެށިގެން މުޅި ރާއްޖެއިން ޗެމްޕިއަނެއް ހޮވާ ގޮތަށެވެ.
މި ތިން މުބާރާތަކީވެސް ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސް ކޮށްފައިވާ ބޮޑު ތިން މުބާރާތެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މުބާރާތުގެ ސްޕޮންސަރުންނާ އެކު ވަނީ ސޮއިކޮށްފައެވެ. ޕްލެޓިނަމް ސްޕޮންސަރުގެ ގޮތުގައި ޓައިޓަލް ނަގާފައި ވަނީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ ނަން "މައިލޯ" އެވެ. ގޯލްޑް ޕާޓްނަރުންނަކީ އުރީދޫ މޯލްޑިވްސް، އަލް ޝާލީ މެރިން މޯލްޑިވްސް، އެމްޓީސީސީ، ވެލިގާ ހާޑްވެއާ، މޯލްޑިވްސް ގޭސް، މޯލްޑިވިއަން، ވެލްވޮލިން، މީޑިއާނެޓް އަދި ޕާސަނަލް ކޮމްޕިއުޓާސްއެވެ. ރާއްޖޭގެ ރީތިކަން ސިފަވާ ގޮތަށް ހަދާފައިވާ މުބާރާތުގެ ޓްރޮފީ ފަރުމާކުރީ ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރު ހުސެއިން އަތީކް (އަޓިއްކޭ) އެވެ.
ގްރޭޓާ މާލެ ކަޕްގައި 32 ޓީމު ވާދަކުރާއިރު، ޗެމްޕިއަން ޓީމަށް 50،000 ރ ދޭނެ އެވެ. އަދި ރަނަރަޕަށް ދާ ޓީމަށް 25,000ރ ގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ނިންމައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު