ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަބަދުވެސް މަސައްކަތް ކުރަނީ ސިވިލް ސާވިސް މުވައްޒަފުންގެ އަޑު އަހައި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ސިވިލް ސާވަންޓުން ކަޅު ހެދުމުގައި އިއްޔެ ހިމޭން އިހުތިޖާޖެއް ފަށާފައިވާ އިރު، ބައެއް ސިވިލް ސާވަންޓުން ދަނީ މުސާރަ ބޮޑުކުރުމަށް ގޮވާލައި، އިހުތިޖާޖު ހުއްޓާލާނީ މުސާރައިގެ މައްސަލައަށް ހައްލެއް ގެނައުމުން ކަމަށް ބުނަމުންނެވެ. މީގެ އިތުރުން މިއަދު ވަނީ ބައެއް އޮޕީސްތަކުގައި މުވައްޒަފުން މަސައްކަތްވެސް ހުއްޓާލައިފައެވެ.
އެކަމާ ގުޅިގެން ސީއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ގަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ހައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
ސީއެސްސީން ބުނީ ސިވިލް ސާވަންޓުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް އެ ކޮމިޝަނުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނާނެ ކަމަށާއި އެހެން ނަމަވެސް ގާނޫނުން ލިބިދޭ ހައްގުތައް ބޭނުންކުރުމުގައިވެސް ސަރުކާރުގެ އިދާރާތަކުން ދެމުން އަންނަ ހިދުމަތްތައް މެދުނުކެނޑޭނެގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.
އެ ބަޔާނުގައި ބުނީ ސީއެސްސީގެ "ލޯގޯ" ބޭނުންކޮށްގެން ސިވިލް ސާވިސްގެ މުވައްޒަފުންގެ ހައްގުތައް ދިފާއުކުރުމަށް ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"މި ގޮތުން ދިވެހި ސިވިލް ސާވަންޓްސް އެސޯސިއޭޝަންގެ ނަމުގައި ސޯޝަލް މީޑިއާގައި މިހާރު ހަރަކާތްތެރިވާ ފަރާތަކީ ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން. މިފަދައިން ވަކި ބަޔަކު ނޭނގޭގޮތަށް އެފަދަ ފަރާތްތަކުން ހިންގާ ހަރަކާތްތަކާއި ދެމުންދާ އިރުޝާދުތަކާ އެއްގޮތަށް ސިވިލް ސާވިސް މުވައްޒަފުން އަމަލުނުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރަން." ސީއެސްސީގެ ބަޔާނުގައިވެއެވެ.
މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިވިލް ސާވަންޓުން ހިމޭން އިހުތިޖާޖެއް ކުރަމުންދާއިރު، ސިވިލް ސާވަންޓުން ޑިމާންޑު ކުރާ ކަންކަމުގެ ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅުމާއި އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމާއި ސިޔާސީ މުވައްޒަފުން ފަދައިން އެމީހުންނަށްވެސް ލިވިން އެލެވެންސް ދިނުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު