ސޯޝަލް މީޑިއާ އެކްޓިވިސްޓު އަހުމަދު އަޝްރަފް (ޝުމްބާ) ރާއްޖެއިން ބޭރުގައި ހުއްޓައި ގާނޫނާ ހިލާފަށް ހައްޔަރުކޮށްގެން ރާއްޖެ ގެނައި މައްސަލައިގައި އިންސާފު ހޯދައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2015 ވަނަ އަހަރު ލަންކާގައި ހުއްޓައި ޝުމްބާ ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، ގިނަ ދުވަސްތަކެއްވަންދެން ބަންދުގައި ބެހެއްޓިއެވެ.

ޝުމްބާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ ރައީސް ޔާމީން ދަތުރުކުރައްވަމުންދިޔަ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

ޝުމްބާގެ ފަރާތުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އަރައިގެންފައިވާތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާކުރި ފަރާތްތަކާއި އެކަމުގައި ބައިވެރިވެފައިވާ ކަމަށް ފާހަގަވެފައިވާ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށެވެ.

އެގޮތުން އެ މައްސަލަ ރައްދުވާ ޖުމުލަ 11 ފަރާތެއްގެ ނަން ހިމަނާފައިވާ އިރު، އޭގެ ތެރޭގައި ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އޭރު ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޒާހިޔާ ޒަރީރާއި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި އަބްދުﷲ ނަވާޒު ހިމެނެއެވެ. އޭގެ އިތުރުން އޭރު ލަންކާގައި ހުންނަ ރާއްޖޭ އެމްބަސީގެ ޑިފެންސް އެޓަޗޭ، އަހުމަދު ގިޔާސްއާއި ފަސްޓް ސެކްރެޓަރީ ހަސަން އާދަމާއި މުހައްމަދު ހުޝާމާއި އަހުމަދު ޝިހާނުގެ އިތުރުން ތިލަކްގެ ނަން ހިމަނާފައިވެއެވެ.

ޝުމްބާއަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.