ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު ނިމިގެންދިޔަ ގޮތް ހޯދައި، އެމަނިކުފާނުގެ މައްޗަށް ޚާއިނެއް ކަމަށް ބުނެ އިއްވާފައިވާ ހުކުމް ބާތިލުކުރުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް މިއަދު މައްސަލައެއް ހުށަހަޅައިފިއެވެ.

މައްސަލަ ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ. މައްސަލައިގައި ޖުމުލަ ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރައީސް އަމީންގެ ވެރިކަން ނިމުނު ގޮތް ސާފުވެފައިނުވުމާއި އެކަމުގެ ހަގީގަތަކީ ކޮބައިކަން ސާފުކުރުން އަދި ރައީސް އަމީންގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ދައުވާގެ ސީޣާ ސާފުވެފައި ނެތުމާއި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ، އެކަމުގެ ހަގީގަތް ސާފުކުރުން ހިމެނެއެވެ.

އޭގެ އިތުރުން ރައީސް އަމީންގެ މައްޗަށް ދިވެހި ދައުލަތުގެ ޝަރީއަތެއްކޮށް، ޚާއިނެތް ކަމަށް ތުންތުންމަތިން ދެކެވޭ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި އަދި ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށްފަހު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ބިރުވެރިކަމުގައި ޝަރީއަތް ކޮށްފައިވާތީ އެކަން ހިނގައި ދިޔަގޮތް ސާފުކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ހުށަހެޅުމުގައި އިތުރަށް ވަނީ، އަމީނަށް ވިހަމަނާފުށީގައި އަނިޔާކުރި މީހުންނަކީ ކޮބައިކަމާއި މާލޭގައި ހަވަރު އެއްވެ، ހަވަރުގެ ތެރޭން އަމީންގެ ގައިކޮޅުގައި ތަޅައި އަނިޔާކޮށް ހެދި މީހުންނަށް އެއްވެސް ޝަރީއަތެއް ހިންގާފައިވޭތޯ އާއި އެއީ ކޮން ބައެއްކަން ސާފުކުރުމަށްވެސް އެދިފައެވެ.

އަދި ހަވަރަށްލާ ތެޅުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ކޮން ބައެއް ކަމާއި އެކަން ރާވައި އިންތިޒާމު ކުރުމުގައި ޝާމިލު ވަނީ ކޮން ބައެއްކަން ސާފުކުރުންވެސް ހިމެނެއެވެ.

ބޮންޑޭ އާއި ލަބީގް އެދިފައިވަނީ އަމީންއާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަމާއި އެމަނިކުފާނުގެ މައްޗަށް ޚާއިނެއް ކަމަށް ބުނެ އިއްވާފައިވާ ހުކުމް ބާތިލު ކުރުމަށެވެ.

މައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ އަމީނުގެ ވެރިކަން ނިމުނު ގޮތުގެ މައްޗަށް "އޯކިޑް" ނަމުގައި ފޮތެއް ލިޔުއްވި ކުރީގެ ނޫސްވެރިޔާ މުހައްމަދު ޖަމީލާއި ކުރީގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (ކުވާ މޮހޮދޭ) އެވެ.

މީގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަނާއި ބަންޑާރަ ނާއިބުގެ އޮފީހާއި ޑިފެންސް މިނިސްޓްރީ އަދި ރައީސް އޮފީހުގައި ހުރި ލިޔެކިޔުންތަކަށް ހޯދައި ހެކީގެ ގޮތުގައި ބެލުމަށްވެސް އެދިފައިވެއެވެ.