ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ފައިނުގައި ލައިބްރަރީއެއް ގާއިމުކޮށްފިއެވެ.

ފައިނުގެ ފޭސް ޖަމިއްޔާ އިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓުގެ ދަށުން އެ ރަށުގެ ކޮމިއުނިޓީ ސެންޓަރު ހުންނަ އިމާރާތުގައި ވަނީ އާންމުންނަށް ބޭނުންކުރުމަށް ލައިބްރަރީއެއް ހުޅުވާލައިފައެވެ.

ބީއެމްއެލުން ބުނީ މި ޕްރޮޖެކްޓުގެ އަމާޒަކީ ރަށުގެ ޒުވާނުން ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރު ކުރުމާއި އިލްމީ މުޖުތަމައުއެއް ބިނާކުރުން ކަމަށާއި އެ ލައިބްރަރީގައި ތަފާތު ފޮތްތައް ހިމަނައި، ފޮތް ކިޔޭނެ އިންތިޒާމު ހަމަޖެހުމުގެ އިތުރުން ލައިބްރަރީގައި ކޮމްޕިއުޓަރު ލެބެއްވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުން ސްކޫލުގެ އެކިއެކި މަސައްކަތްތައް ކުރުމާއި، ރިސާޗް މަސައްކަތް ކުރުމަށް ތިން ކޮމްޕިއުޓަރު ސިސްޓަމް ބެހެއްޓިފައިވާ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކޮމިއުނިޓީ ސެންޓަރު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ފޮތް ކިޔަން ތިބެވޭނެހެން ބެންޗު ބަހައްޓައި ފޮތް ހަރުގަނޑު ވަނީ ބެހެއްޓިފައެވެ. އަދި ރަށުގެ އަތިރިމަތީގައި މީހުން އެއްވެ އެޅޭ ތިން ސަރަހައްދެއްގައި މޮބައިލް ފޮތް ހަރުތަކެއް ބެހެއްޓި ގިނަ ރައްޔިތުންނަށް ފޮތް ކިޔޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބުކުރި ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވާސް (ފޭސް) ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ ޕަބްލިކް ލައިބްރަރީ އަދި ކޮމްޕިއުޓަރު ލެބްގެ ސަބަބުން ސްކޫލު ދަރިވަރުންނާއި، އެކި ކޯސްތަކުގައި ކިޔަވަމުން އަންނަ ފަރާތްތަކާ އަދި އެ ޖަމިއްޔާއިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކުދި ކޯސްތަކުގެ ބައިވެރިންނަށް އިލްމީ ދިރާސާ، އެސައިންމެންޓް އަދި ރިފަރެންސް މެޓީރިއަލް ހޯދުމަށް ވަރަށް ބޮޑު އެހީއަކަށްވެގެންދާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ރަށުގެ އެކި ފަންތީގެ މީހުން ފޮތްކިޔުމަށް އަހުލުވެރިވެ އިލްމީ މުޖުތަމައެއް ބިނާކުރުމަށް އެ ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށް ވެސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.