ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ސަރުކާރުން ފައިސާ ދެއްކުމަށްފަހުވެސް އެ ތަކެތި ނުލިބުމުން ގެއްލުމުގެ ބަދަލު ހޯދަން ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ހެލްތު މިނިސްޓްރީން ސިޓީ ފޮނުވައިފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓި އެޝުއަރެންސް އޮފިސަރު ތަސްލީމާ އުސްމާން "ވަން" އަށް މިއަދު ވިދާޅުވީ ވެންޓިލޭޓަރުތައް ގަތުމަށް ފައިސާ ދެއްކުމުންވެސް އެ ތަކެތި ލިބިފައިނުވާތީ ބަދަލު ހޯދުމަށް އެދި މިދިޔަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު މިނިސްޓްރީން އެގްޒެކިއުޓާސްއަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެ ސިޓީގައި އެ ކުންފުންޏަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާނެކަން ފާހަގަކޮށް ތަސްލީމާ ވިދާޅުވީ، އެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެ ކަމަށާއި ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ކުންފުނިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެ ނަމައެވެ. ނަމަވެސް އެގްޒެކިއުޓާސްގެ އަތުން ނަގަން އެދުނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް ނޭނގެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް އެތަކެތި ލިބުމުގެ ކުރިން އެ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ދެއްކިއެވެ.

އެގްޒެކިއުޓާސްއާއެކު ސޮއިކުރި އެއްބަސްވުމުގައިވާ ގޮތުން، އެޑްވާންސް ޕޭމަންޓް ނިންމާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެއެވެ. ނަމަވެސް އޭގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ.

އެކަމާ ގުޅިގެން ސަރުކާރުން ވަނީ، މިއަހަރުގެ މެއި މަހުގެ ހަތަރު ވަނަ ދުވަހު ވެންޓިލޭޓަރުތައް ގަތުމަށް އެގްޒެކިއުޓާސް އާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފައެވެ.