މީހުން ޓްރެފިކް ކުރުމާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއާ ދެކޮޅަށް ހެކިބަސް ދިނުމަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިވެރިން ރާއްޖެއިން ފުރަން ޖެހިފައިވާތީ މައްސަލަ އަވަސް ކުރަންޖެހޭ ކަމަށް ބުނެފިއެވެ.
ރިޒާގެ މައްޗަށް އެ ދެ ދައުވާ އުފުލާފައި ވަނީ، ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އައި ބ. ބޮޑުފިނޮޅުގައި މަޖުބޫރީ ހާލަތުގައި ބިދޭސީން ލައްވައި މަސައްކަތް ކޮށްފައިވާ މައްސަލައިގައެވެ. އެ މައްސަލައިގައި ރިޒާގެ އިތުރުން ދެ މީހަކަށް ވަނީ ދައުވާކޮށްފައެވެ. އެއީ ނ. މާފަރު/ ބްލާސަމްގެ ހަސަން އުމަރާއި ށ. މިލަންދޫ/ ރެޑްރޯސް ނަސްރުﷲ އުސްމާނެވެ. އެމީހުންގެ މައްޗަށް އުފުލާފައި ވަނީ މީހުން ޓްރެފިކް ކުރުމުގައި ބައިވެރިކަމުގެ ދައުވާއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހުމީ ވަނީ ތިން މީހުންގެ ފަރާތުން ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކިތޯ އައްސަވައިފައެވެ. އަދި އެކަމަށް ކިހާ ދުވަހެއް ބޭނުންވޭތޯވެސް އެއްސެވިއެވެ.
ކުރިމިނަލް ކޯޓުގައި އިންނެވި ރިޒާ އަދި ހަސަން އުމަރު އެދުނީ ތިން ހަފުތާ ދެއްވުމަށެވެ. ހއ. ކެލާ މެޖިސްޓްރޭޓް ކޯޓުގައި އިނދެ އޮންލައިންކޮށް ބައިވެރިވި ނަސްރުﷲ އެދުނީ 20 ދުވަސް ދެއްވުމަށެވެ.
އެކަމަށް ދައުލަތުންވެސް އިންކާރުކޮށްފައެއް ނުވެއެވެ. ދައުލަތުގެ ވަކީލުން ވިދާޅުވީ ގާނޫނީ ގޮތުން ދެވެން އޮތް އެންމެ ދިގު މުއްދަތެއް ދެއްވި ނަމަވެސް މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ދައުވާ ލިބޭ ފަރާތްތަކުން އެދުނު މުއްދަތަށްވުރެ އަވަހަށް ވަކީލަކު އައްޔަނުކުރުމަށް ގާޒީ އެދިވަޑައިގަތެވެ. އެއީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިން ރާއްޖެ ދޫކޮށް ފުރަން ބޭނުންވާ ކަމަށް ކޯޓަށް އަންގާފައިވާތީ، އެ ފަރާތްތަކުގެ ހެކިބަސް އަވަހަށް ނެގުމަށެވެ. އެ ފަރާތްތައް ފުރަން ޖެހެނީ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ރާއްޖޭގައި އުޅެވެން ނެތުމުން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ހެކިންގެ ތެރެއިން ފުރަން ބޭނުންވާ ކަމަށް ބުނެފައި ވަނީ އެންމެ ހެއްކެއް ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ. އަދި އެ ހެކިވެރިޔާ މިވަގުތު ހުރީ މާލެއިން ބޭރުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެ ހެކިވެރިޔާ ކޯޓަށް ހާޒިރުކުރެވޭނެ ދުވަހެއް ބުނެދެއްވުމަށް ގާޒީ އެދިވަޑައިގަތް ނަމަވެސް ދައުލަތުގެ ވަކީލުން ވަނީ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވިދާޅުވެއެވެ. އަދި ދައުވާ ލިބޭ ފަރާތްތަކުންވެސް އެދުނު މުއްދަތަށްވުރެ އަވަހަށް ވަކީލަކު އައްޔަނު ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނުދެއްވައެވެ. ތިން ފަރާތުންވެސް ބުނެފައި ވަނީ ވީހާވެސް އަވަހަށް ވަކީލަކު އައްޔަނުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތުހުމަތު ކުރަނީ ޖިނާއީ ބޮޑު ކުށަކަށްވުމުން ދައުލަތުގެ ފަރާތުން ވަކީލުން ހަމަޖެއްސުމުގެ ފުރުސަތު އޮތް ނަމަވެސް ތިން ފަރާތުންވެސް ބުނެފައި ވަނީ އެ ފަރާތްތަކުން ވަކީލުން ހަމަޖައްސާނީ އަމިއްލައަށް ކަމަށެވެ. އެހެންކަމުން ދައުލަތަށްވެސް ހެކިން ހާޒިރު ކުރެވޭނެ ސީދާ ތާރީހެއް ބުނެނުދެވުމާއެކު މައްސަލަ ބައްލަވާ ގާޒީ ދީބަނާޒް ފަހުމީ ނިންމެވީ، ވަކީލުން ހަމަޖެއްސުމަށް ދިފާއިން އެދުނު މުއްދަތު ދިނުމަށްފަހު މި މަހުގެ 30 ވަނަ ދުވަހުގެ 11 ޖަހާއިރު އަޑުއެހުމެއް ބޭއްވުމަށެވެ.
އަދި އެ އަޑުއެހުމަށް ދާއިރު ވަކީލަކު ހަމަނުޖެހުނަސް މައްސަލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ދައުލަތުން ކުރި ދައުވާގައިވާގޮތުން ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްތަކާ އާރުއައިއެކްސް ޕްރައިވެޓް ލިމިޓެޑު (ރިޒް) އިން ހަވާލުވެ، އެ މަސައްކަތް ކުރުމަށް މީހުން ޓްރެފިކްކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވެއެވެ.
އަދި ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރީން ރާއްޖޭގެ ރަށްތަކުން ހޯދައި އެ ބިދޭސީން އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގާނޫނާއި ހިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރިންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާފައިވާ ކަމަށްވެސް ދައުވާގައިވެއެވެ.
އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމި ތިބުމަށް ބިދޭސީންނަށް މަޖުބޫރުކޮށް، އެފަރާތްތަކުގެ މައްޗަށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ހައްގުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށްވެސް އެ ދައުވާގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު