ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް އުފައްދާފައިވާ ކޮމިޝަނަށް އެކި މައްސަލަތަކުގައި ބަދަލު ހޯދުމަށް އެދި 86 ފަރާތަކުން ހުށަހަޅާފައިވާ ކަމަށް ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް ވިދާޅުވެއްޖެއެވެ.
ވަން ޕްލަސްގެ ''ވަން އެކްސްކްލޫސިވް'' ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އަބްދުއްސަލާމް ވިދާޅުވީ، ހުސްވި ހަފުތާގެ ނިޔަލަށް އެ އޮފީހަށް ޖުމުލަ 220 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ގެއްލިފައިވާ އަސާސީ ހައްގުތަކާއި ހިންގާފައިވާ އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކުން ގެއްލުންވެގެން 86 ފަރާތަކުން ބަދަލު ހޯދަން ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
އަބްދުއްސަލާމް ވިދާޅުވީ، އެ އޮފީހަށް މައްސަލަ ހުށަހަޅަން އޮންނަނީ ވަކި ފޯމެއް ކަމަށާއި ބަދަލު ހޯދުމަށް ހުށަހަޅަން ޖެހެނީ ވަކި ފޯމެއް ކަމަށެވެ. އަދި މިހާތަނަށް އެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ކުރިއަށް ގެންދަން ނިންމާފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، ޖެނުއަރީ 1953 އިން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދު ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެވެ.
އަބްދުއްސަލާމް ވިދާޅުވީ، އެ އޮފީހުގެ މަސައްކަތްތައް ނިންމަން ދެ އަހަރު ދުވަހަކީ އެކަށީގެންވާ ވަގުތެއް ކަމަށެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ޓްރާންސެޝަނަލް ޖަސްޓިސްގެ އޮފީސްތައް ގާއިމުވެފައި ވަނީ މިގޮތަށް، އެހެންކަމުން މިއީ އެކަށޭނެ މުއްދަތެއް، އެފަދަ ކަންކަމުގައި މުއްދަތު މާދިގުވިޔަސް ގޯސްވާނެ،" ޗީފް އޮމްބުޑްސްޕާސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ގާއިިމުކުރަންޖެހޭ އެތެރޭގެ އިންތިޒާމުތައް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން މައްސަލަތައް ތަހުގީގު ކުރުމާއި ވިކްޓިމް ސަޕޯޓް ދިނުމާއި ވިޓްނަސް ޕްރޮޓެކްޝަން ދިނުމާ ގުޅޭ ގައިޑްލައިންތަކާއި އެސްއޯޕީތައް އެކުލަވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު