ކޮވިޑު ކޭސްތަކެއް ފެނި އައްޑޫ ސިޓީ ހުޅުމީދޫ އާއި ރ. ރަސްމާދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ވަނީ މޮނީޓަރިންއަށް ގެނެސްފައެވެ.

ހުޅުމީދޫ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނައީ، ގުޅިގައިވާ ރަށްތަކުން ކޮވިޑު ފެނިފައިވާތީ ހުޅުމީދޫން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ. އަދި އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަސްމާދޫ މޮނީޓަރިންއަށް ލާފައި ވަނީ އެރަށު ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެގެންނެވެ.

ރަސްމާދޫ ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ޒިޔާދު "ވަން" އަށް މިއަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވި ޓީޗަރަކީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެއިން ރަށަށް ދިޔަ މީހެއް ކަމަށެވެ. އަދި އޭނާއަކީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު އެރަށަށް ދިޔަ މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ އޭނާ ޕޮޒިޓިވްކަން އެނގުނީ، އަލާމާތްތައް ފެނިގެން ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލަކުން ކަމަށެވެ.