މި އަހަރުގެ ދެވަނަ ކުއާޓާގައި ދައުލަތުގެ ރިޒާވް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިދިޔަ ބުދަ ދުވަހު އާންމުކުރި މިއަހަރުގެ ދެވަނަ ކުއާޓާގެ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން، މިއަހަރުގެ ދެވަނަ ކުއާޓާގައި ރާއްޖޭގެ ޖުމުލަ ރިޒާވްގައި ހުރީ 912.4 މިލިއަން ޑޮލަރެކެވެ. މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާއާ އަޅާ ބަލާއިރު 30 ޕަސަންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރީ 702.5 މިލިއަން ޑޮލަރެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވް ހުރި ވަރަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ރިޒާވްގައި ހުރީ 844.7 މިލިއަން ޑޮލަރެވެ. މިއީ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އަށް ޕަސެންޓްގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގެ ރިޒާވްވެސް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރިޒާވްގައި 741.6 މިލިއަން ޑޮލަރު ހުރިއިރު، މިއަހަރުގެ އެ މުއްދަތުގައި ރިޒާވް ވަނީ 103.1 މިލިއަން ޑޮލަރުން އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 14 ޕަސަންޓްގެ އިތުރުވުމެކެވެ.

އެމްއެމްއޭއިން ބުނީ، ދައުލަތުގެ ރިޒާވް ބޮޑުތަނުން އިތުރުވެފައިވަނީ އިންޑިއާއިން 2020 ވަނަ އަހަރު ރާއްޖެއަށް ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޯޕްގެ ސަބަބުން ކަމަށެވެ.