އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސަކަށް އަނަސް އަބްދުއް ސައްތާރު އިންތިހާބު ކޮށްފިއެވެ.
އިސްތިއުނާފު ފަނޑިޔާރު މަޖިލީހުގެ ރައީސަކަށް އަނަސް އިންތިހާބު ކޮށްފައި ވަނީ އެ މަޖިލީހަށް އަލަށް އިންތިހާބު ކުރި މެންބަރުންނާ އެކު މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ހަތް މެންބަރުންގެ ތެރެއިން ހަ މެންބަރަކު ވަނީ އަނަސްއަށް ވޯޓު ދެއްވައިފައެވެ.
އަނަސް މިވަގުތު ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާ ވަނީ އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް ފުރުއްވައިފައެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ މަގާމަށްވެސް އޭނާ ވާދަކުރެއްވިއެވެ.
ނުވަ މެންބަރުން ހިމެނޭ އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރު މަޖިލީހަށް މެންބަރުން ހޮވީ މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. މިބައްދަލުވުމުގައި ގައުމީ މަޖިލީހުގެ 120 މެންބަރަކު ވަނީ ވޯޓުގައި ބައިވެރިވެފައެވެ.
މި އިންތިހާބަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނުވަ ކެނޑިޑޭޓަކަށް ތާއީދު ކުރައްވައިފައެވެ. އަދި ރައީސް ސޯލިހުވެސް ނުވަ ކެނޑިޑޭޓަކަށް ތާއީދު ކުރެއްވިއެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހު ތާއީދު ކުރެއްވި މެމްބަރުންނެވެ.
- އަނަސް އަބްދުއް ސައްތާރު، މ. ބަޑިކުޅިމާގެ
- އަހުމަދު ރިޝްވާން، އާލަމް، ހއ. ދިއްދޫ
- އިބްރާހިމް މުހައްމަދު ދީދީ، ލެގޫންވިއު، ސ. ހިތަދޫ
- އަހުމަދު މައުރޫފް، ނައުލައިޓް، ލ. ކަލައިދޫ
- ފާތިމަތު އިނާޝާ، ހ. ގުރީންފެހި
- ހުސެއިން ރަޝީދު، ތިބުރޯޒްގެ، ތ. އޮމަދޫ
- އާދަމް މާހިރު، މެޑޯޒް، ރ. އަލިފުށި
- އަހުމަދު ނިޝާދު، ނޫރު، މ. ދިއްގަރު
- ނައުޝާދު އަބްދުލްއަޒީޒް، ސުވައިދާމަންޒިލް، އއ. ރަސްދޫ
ޚަބަރު
ޚަބަރު
ޚަބަރު