ފިއްލަދޫ އުތުރުބައި (ދައްޕަރު) އާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިހުތިސޯސްގައި ހިމަނައިދިނުމަށް ފިއްލަދޫ ކައުންސިލުން ގޮވާލައިފި އެވެ.
ފިއްލަދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން، އިދާރީ ދާއިރާގެ އިހުތިސޯސް އިން ފިއްލަދޫދައްޕަރު،ފިއްލަދޫގެ އިހުތިސޯސުން ވަކިކޮށްފައިވާތީ، އެކަމާ ގުޅިގެން ރައްޔިތުންގެ ޝަކުވާތަކާއި ނުތަނަވަސްކަން ކައުންސިލް އާއި ހިއްސާކުރަމުން އަންނަ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ފިއްލަދޫ އުތުރުބަޔަކީ އެ ކައުންސިލްގެ މުދާ ހުރިތަނަކަށް ވެފައި، ރައްޔިތުންނަށް ޖަވާބުދާރީ ވުމަކީ އެ ކައުންސިލުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި އެ ކައުންސިލުގެ މަޝްވަރާއެއް ނެތި "ފިއްލަދޫދައްޕަރު" ފިއްލަދޫގެ އިހުތިސޯސުން ވަކިކުރިކުރުން، ހިނގައިދިޔަ ގޮތް އޮޅުންފިލުވުމަށް ޓަކައި ކައުންސިލްގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި، މިކަމާ ގުޅުން ހުރި އެންމެހައި މުއައްސަސާތަކުން މައުލޫމާތު ސާފުކުރަމުން ގެންދާނެ ކަމަށެވެ.
އެހެން ކަމުން ފިއްލަދޫ އުތުރުބައި (ދައްޕަރު) އާއި ފިއްލަދޫ ހުރާގަނޑު ފިއްލަދޫގެ އިހުތިސޯސްގައި ހިމަނައިދިނުމަށް ފިއްލަދޫ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ. އަދި ފިއްލަދޫ ދެކުނާއި އުތުރުބައި ފިއްލަދޫގެ އިހުތިސޯސްގައި އޮވެގެން ތަރައްގީކުރުމަށް، ގާނޫނީ އެއްވެސް ހުރަހެއް މިއަދު އޮތް ކަމަކަށް އެކައުންސިލުން ނުދެކޭ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ހއ. ފިއްލަދޫ އުތުރު (ދައްޕަރު) ބަޔަކީ ފިއްލަދޫ އާއި އެއްބިމުން ގުޅިފައިވާ އެއްފަޅެއް އޮތް މިހާރު ފިއްލަދޫގައި ދިރިއުޅޭ ރައްޔިތުންނާއި، ފިއްލަދޫގެ ތާރީހާއި ވަރަށް ބޮޑަށް ގުޅިފައިވާ ސަރަހައްދެކެވެ.
ފިއްލަދޫ އުތުރުބަޔަކީ ފިއްލަދޫގެ ކާބަފައިން އެންމެ ފުރަތަމަ ދިރިއުޅުނު ބައިކަމުގައި ތާރީހު ބުނުމާއި، މިހާރުވެސް އެސަރަހައްދުގައި ފެންނަން އޮތް ގަބުރުސްތާނުން އެކަމަށް ހެކިދޭ ކަމަށާއި، އެސަރަހައްދުގައި ކޮންމެ މަޝްރޫއެއް ހިންގި ކަމުގައި ވިޔަސް އާސާރުތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި، ތާރީހާއި ތަރިކަ ހިމާޔަތް ކުރުމަކީ އެ ކައުންސިލުން ކޮންމެހެން ކުރަން ޖެހޭނެ އަދި ކައުންސިލްގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
1960 ވަނަ އަހަރު ވުޒާރަތުލް މާލިއްޔާގެ ދަށުން ފިއްލަދޫ ދައްޕަރާއި އެކު ހއ. އަތޮޅުން ވަރުވާއަށް ލިޔެދީފައިވާ، ކެލާ ތުނޑިއާއި ބާރަށުމާކޮޅު، އުލިގަމުކުޑަދޫ އަދި ކޮށިކޮޅު ފަދަ ތަންތަން، 1974 ގެ ފަހު ކޮޅު، އެރަށަކާއި އެއްފަސްކޮށް ހުރި ތަންތަން އެރަށެއްގެ ރައްޔިތުންނަށް ދައުލަތުން ދެއްވި އިރު ފިއްލަދޫ ދައްޕަރުވެސް ފިއްލަދޫ ރައްޔިތުންނަށް ވެސް ވަނީ ދީފަ އެވެ.
ފިއްލަދޫގެ އިހުތިސޯސުން ދައްޕަރު ނެގިއިރު، ފިއްލަދޫ ކައުންސިލުން ދިޔައީ ދައްޕަރުން މަންފާ ލިބޭ ގޮތަށް އެރަށުގެ ލޭންޑު ޔޫސް ޕްލޭން ހަދަމުންނެވެ.
ދައްޕަރުގައި ސެކަންޑް ހޯމް ރެޒިޑެންސް ޕައިލެޓް ޕްރޮޖެކްޓްއެއްގެ ގޮތުގައި އެޕާޓްމެންޓް އަދި ވިލާ އެޅުމަށް ފަހު ދިގުމުއްތަށް އެތަން ލީޒްކުރަން ވިސްނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު