ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ފުޓުބޯޅަ ކޯޗަކީ މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ. ފުރަތަމަ ޑިވިޝަންގައި ކުޅެންތެރިއެއްގެ ތަޖުރިބާ ނިންމާ، ކޯޗިންގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއްވެސް ނިޒާމްބެ ހޯދާފައިވެއެވެ. ޓީސީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، އެ ކްލަބުގެ ތެރެއިން ހުނަރިވެރި ކުޅުންތެރިންތަކެއް ނިޒާމްބެ ގައުމީ ދަނޑަށް ނެރެދިނީ މޮޅު ޕްލޭނަކާ އެކުގައެވެ. އެ ޓީމާއެކު ބަންގްލަދޭޝްގައި އޮތް ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕް ރާއްޖެއަށް ގެނެސްދީ، ނިޒާމްބެ ވަނީ ޓީސީއާއެކު ލީގުވެސް ނަގާފައެވެ. ކާމިޔާބީތަކާއެކު ބަންގްލަދޭޝް ލީގުގެ ސައިފް ސްޕޯޓިން ކްލަބަށްވެސް ނިޒާމްބެ އިރުޝާދު ދީ ހާއްސަ ތަޖުރިބާއެއް ހޯދާފައިވާއިރު، ނިޒާމްބެ ފާހަގަކުރެވުނީ ޒުވާން ކުޅުންތެރިންގެ ހުނަރަކު ދެނެގަންނަ، ތަފާތު ވިސްނުމެއްގެ ކޯޗެއްގެ ގޮތުގައެވެ.

އަބަދުވެސް އާ ޗެލެންޖުތަކާ ދިމާލަށް ނިޒާމްބެގެ ވިސްނުން ހުންނައިރު، މިހާރު އޮފް ސީޒަނުގައިވެސް ކުރަމުން އަންނަނީ އަމިއްލައަށް އާ ކަންތައްތަކެއް ދަސްކޮށް، ޅ. ހިންނަވަރުގެ ޒުވާން ޖީލަކަށް ގިނަ ކަންތައްތަކެއް އުނގަންނައިދިނުމުގެ މަސައްކަތެކެވެ. ގައުމީ 23 އަހަރުން ދަށުގެ ޓީމުން ޅ. އަތޮޅަށް ކުރާ ހާއްސަ ދަތުރުގައި ހިންނަވަރުގެ ޒުވާން ޓީމަކާ ދެކޮޅަށް ސެޕްޓެންބަރު 10 ވަނަ ދުވަހު ހާއްސަ މެޗެއް ކުޅެން ހަމަޖެހިފައިވެސް އޮތުމާއެކު ނިޒާމް ކުރަމުން އަންނަނީ އެޓީމުވެސް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެހެންނަމަވެސް ފުރުސަތުގެ ބޭނުން ހިފައި، ނިޒާމްބެ އަންނަނީ އިތުރު ތަޖުރިބާއަށް މަސައްކަތް ކުރަމުންނެވެ.

"މިހާރު މިހުރީ ހިންނަވަރުގައި. އެއީ ގައުމީ 23 އަހަރުން ޓީމުވެސް މިކޮޅަށް މެޗަކަށް އަންނާތީއާއެކު. އެކަމަކު އަސްލު އެއީއެއް ނޫން މައިގަނޑުކޮށް މިތާ މިކުރާ މަސައްކަތަކީ. ޒުވާން ކުޅުންތެރިންނަށް ބައެއް ސެޝަންތައް ނަގައިލަދީ، ފުޓުބޯޅައިގެ ކަންކަން ކިޔައިލަދޭން މިކޮޅުން އެދުމުގެ މަތިން އައިސް މިހުރީ. މިކޮޅުގެ ޒުވާނުންނަށް ހާއްސަ ފަރާތަކާއި ކައުންސިލާ ގުޅިގެން ރާވާފައިވާ ކޭމްޕެއް ކަހަލަ ކަމެއް މިއީ،" ހިންނަވަރުގައި ހުރެ "ވަން" އާ އެކްސްކްލޫސިވް ކޮށް ވާހަކަ ދައްކަމުން ނިޒާމްބެ ބުނެފައިވެއެވެ.

ހުނަރުވެރި ކުދިން ހިންވަރުގައި ތިބިކަން ފާހަގަކޮށް ނިޒާމްބެ ބުނެފައި ވަނީ ދަސްކުރަމުން އަންނަނީ އަތޮޅު ތެރޭގެ ކުދިންނަށް ހުރި ޗެލެންޖުތައް ކަމަށާއި، އެއީ އަމިއްލަ ކޯޗިން ކެރިއަރަށްވެސް ލިބޭ މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ.

"ގާތް ގަނޑަކަށް 15 އަހަރުން ދަށުން ފެށިގެން ވަރަށް ހުނަރުވެރި ކުދިން މިކޮޅުގައި އެބަތިބި. މިހާރު ބޮޑު ފުޓުބޯޅަ ދަނޑު ނިމިގެން އަދި މި ކުރިއަށް ފަށައިގެން މިއުޅެނީ. ވަރަށް ހުނަރުވެރި ކުދިން އެބަތިބި. އެކަމަކު ދެން މާހައުލުގެ ކަންކަން ހުންނަ ގޮތުން، މިބުނީ ވަޒީފާގެ ކަންކަން، މަސްވެރިކަމާއި ރިސޯޓު ވަޒީފާ އާއި ތަންތަނާ ކުޅުންތެރިން މިއުޅެނީ. ކުޅުންތެރިން އެބަތިބި ކައިރި ރިސޯޓުތަކުގައިވެސް. އެކަމަކު އަންނަ ކުޅުންތެރިއެއް ވެއްޖެއްޔާ ވަރަށް ތަފާތު ހުނަރު ފެނޭ،" ނިޒާމްބެ ފާހަގަކުރިއެވެ.

"ވަރަށް މުހިއްމު ކަމެއް ކޯޗެއްގެ ހައިސިއްޔަތުން މި ހިސާބަށް އައުން. ކޯޗެއްގެ ހައިސިއްޔަތުން އަމިއްލައަށް ކަންކަން ދަސްވާނެ ވެސް ކަމެއް. ކުޅުންތެރިންގެ ހުނަރުގެ އިތުރުން ކަލްޗާގެ ތަފާތުތައްވެސް ފާހަވެގެން ދާނެ އަތޮޅު ތެރެއިން. މާލޭގައި އުޅޭ ކުޅުންތެރިންނާ ރަށުގައި އުޅޭ ކުޅުންތެރިންނަށް ކަލްޗާގައި އަންނާނެ ވަރަށް ބޮޑު ތަފާތެއް. ކުޅުންތެރިންގެ މެންޓާލިޓީވެސް ތަފާތުވާނެތީ، އެއީ ދަސްވާ ވަރަށް ބޮޑު ކަމެއް. މިސާލަކަށް މީގެން ކުޅުންތެރިޔަކު މާލެ ގެންގޮސްފިނަމަ އެ ކުޅުންތެރިޔަކާ ޑީލް ކޮށް، ގެންގުޅެން ޖެހޭ ގޮތް ވަރަށް ބޮޑަށް ދަސްވާނެ މި މާހައުލުގައި އުޅެލީމަ. އަނެއްކާ މި ރަށްރަށުގައި ތިބޭ ފުޓުބޯޅައަށް ލޯބިދޭ މީހުންގެ ވިސްނުމާއި، އެމީހުން ބޭނުން ވާ މައުލޫމާތު ހިއްސާކޮށްދެވުމަކީ ވަރަށް ގިނަ ކަންކަން އެމީހުންނަށްވެސް އަދި އަމިއްލައަށްވެސް ދަސްވާ ވަރަށް ބޮޑު އެއްޗެއް،" ނިޒާމްބެ އިތުރަށް ބުނެފައިވެއެވެ.

ނިޒާމްބެ ފަދަ ގައުމީ އެންމެ މަތީ ފަންތީގެ ކޯޗެއްގެ ފަރާތުން ކުޅުންތެރިންނަށް ލިބުނު ފުރުސަތުގައި ކުޅުންތެރިން އެންމެ އެކަށޭނެ ބޭނުން ކުރަމުން އަންނަ ކަމަށް ނިޒާމްބެ ފާހަގަކުރިއެވެ. ޗެލެންޖުތައް ހުރި ނަމަވެސް ކުޅުންތެރިން ކުރަމުން އަންނަ ހިތްވަރު ކޯޗު ފާހަގަކުރިއެވެ.

"ވަރަށް ރަނގަޅު ކުޅުންތެރިންގެ ފަރާތުން ލިބޭ ސަޕޯޓު. ޗެލެންޖުތަކެއް، ވަޒީފާ އާއި އެކަންކަން ހުރި ނަމަވެސް އެކުޅުންތެރިން ކުރާ ހިތްވަރު ވަރަށް ބޮޑަށް ފާހަގަވޭ. ކޮންމެ ދުވަހު ދެއިރު ޕްރެކްޓިސްއަށް ނުކުންނައިރުވެސް ވަރަށް އެފޯޓު ރަނގަޅު. ވަރަށް ބޮޑަށް ދަސްކުރަން އުޅޭ ހުރިހާ ކުދިންވެސް. ވަރަށް ބޮޑަށް ނަގައިގަނޭ،" ނިޒާމްބެ ބުނެފައިވެއެވެ.

އާންމުކޮށް ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގެ ބެންޗުން ނިޒާމްބެ ފާހަގަކޮށްލެވޭއިރު، މިވަގުތު އޭނާ ހުރީ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓްގައެއް ނޫނެވެ. ކުރިއަށް އޮތް ސީޒަނަށް ވިސްނާ ވިސްނުމަކީ ކޮބައިތޯ "ވަން" ސުވާލު ކޮށްލުމުން އޭނާ ބުނެފައި ވަނީ "އަދި ސީޒަން އޮތް ހިސާބެއް ނޭނގެ. ކުރިއަށް އޮތް ޗެލެންޖަކަށް، ފުޓުބޯޅައިގައި ކުރިއަށް އޮތް ތަނުގައި ފެންނާނެ ޓީމެއް، ގޮތަކާ މެދު ވާހަކަ ދައްކަން އަދި ތަންކޮޅެއް އަވަސް ކަމަށް ފެންނަނީ،" މިހެންނެވެ.