"އޯޓިޒަމް ކުދީންނަށް އުނގަންނައި ދިނުން" އަތްމަތީ ފޮތް" ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފި އެވެ.
މި ފޮތް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން މިއަދު ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕާޕަސް ހޯލުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ނަސީމް ވަނީ މި ސަރުކާރުން އަދި ހާއްސަގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ތައުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތު ކަމުގެ ސަބަބުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދީންނަށްވެސް ކިޔެވޭނެ މަގުފަހިކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަން ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން މިހާރުވެސް ސަރުކާރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީގެ ދާއިރާއިން ރާއްޖޭގެ އެކި ރަށްރަށަށް އަމާޒު ކޮށްގެން ހިލޭ ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލާފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވަނީ، ސަރުކާރުން މިހާރުވެސް ހުޅުމާލެ ހޮސްޕިޓަލުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތްކުރިއަށް ގެންދަވާ ކަމުގައި ވިދާޅުވެފަ އެވެ. މި ސެންޓަރުގެވެސް އަމާޒަކީ އެ ދާއިރާއިން ބޭނުން ޖެހިފައި ތިބި ކުދިންނަށް އިތުރު ތަމުރީނާއި ފަރުވާ އާއި މަސައްކަތްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ސަރުކާރުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި މިފަދަ ކުދިންނަށް ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވި އެވެ.
މިއަދު ނެރެދެއްވި ފޮތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައިސް ވަނީ މި ފޮތަކީ ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އަގުހުރި ހަދިޔާއެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި މި ފޮތުގެ ސަބަބުން ގިނަގުނަ ފައިދާ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. ހަމަ އެއާއެކު މި ފޮތް ތައްޔާރު ކުރައްވައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
'އޯޓިޒަމް ކުދީންނަށް އުނގަންނައި ދިނުން' އަތްމަތީ ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެ ގޮތާއި، އެކުދީންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖް ކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މައުލޫމާތު ހިމަނާފައިވެއެވެ. މި ފޮތް ތައްޔާރުކޮށްފައިވަނީ އޯޓިޒަމް އެސޯސިއޭޝަން އަށް ދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މައުލޫމާތުގެ އަލީގަ އެވެ. އަދި މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުން ކަމުގައި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވަނީ ފާހަގަ ކޮށްފަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު