އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން 5-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކޮށްފައިވާއިރު، މެޗަށްފަހު ޕެޕް ގާޑިއޯލާ، އާސެނަލްގެ ކޯޗު އާޓެޓާގެ ދިފާއުގައި ވާހަކަ ދައްކައިފިއެވެ.

އާޓެޓާއަކީ ކުރިން ސިޓީގައި ގާޑިއޯލާގެ އެސިސްޓެންޓް ކޯޗެއްގެ މަގާމުގައި 2016 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހޭދަކޮށްފައެވެ. ޕްރޮފެޝަނަލް ކެރިއަރުގައި އާސެނަލް އަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައި އާޓެޓާއަށް މިއީ އުނދަގޫ ފެށުމެކެވެ. މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުންވެސް އާސެނަލް ބަލިވެފައި ވާއިރު، އެޓީމު ކޮޅަށް ވަނީ ނުވަ ގޯލް ވަދެފައެވެ. އަދި އާސެނަލް އަށް ލީގުގައި ގޯލެއް ޖެހިފައެއް ވެސް ނުވެއެވެ.

މިއީ 1954 ވަނަ އަހަރަށްފަހު އާސެނަލް އިން މިހާ ދަށްކޮށް ލީގު ފެށި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އާސެނަލް އަށް ލީގުގެ ފުރަތަމަ ތިން މެޗުން ތިން ބައްޔާ ކުރިމަތިލާން ޖެހުނީ 67 އަހަރު ކުރިންނެވެ. ޓީމާ ހަވާލު ވެ ހުރި ކޯޗު އާޓެޓާ މިހާރު ހުރީ ބޮޑު ޕްރެޝަރެއްގައެވެ.

"އަހަރެން ސިޓީގައި ކުރި މަސައްކަތުގައި މުހިއްމު މީހެއް އާޓެޓާއަކީ. އެއީ ސިޓީގައި ބިނާކުރި ޓީމުގެ މޭސްތެރިއެއް. އެކަމަކު އެންމެންވެސް ބޭނުން ވާނެ ވަގުތީ ގޮތުން ނަތީޖާ ނެރެން، މިހާރު އާޓެޓާ އަތުގައި ތިބި ކުޅުންތެރިންނާވެސް އެކު. އެކަމަކު އެ ކުޅުންތެރީންނަށް ކުޅެން އަދި ފުރުސަތެއްވެސް ނުލިބޭ. ތިބި ކުޅުންތެރިން ބޭނުން ކުރަންވެސް އަދި ނުލިބޭ. ޕާޓޭ އާއި ބެން ވައިޓުވެސް މިއަދުގެ މެޗުގައި ނެތް. އެއީ އުނދަގޫވާނެ ހާލަތެއް. އަހަންނަށް އެނގޭ އާޓެޓާގެ ލީޑާޝިޕް. ކޯޗެއްގެ ގޮތުގައި އޭނާ ލޯ ހުޅުވޭނެ ކަން. އަހަންނަށް އެނގޭ އާޓެޓާ. އާޓެޓާ ރަނގަޅު ނަތީޖާ ނެރޭނެ. ނަތީޖާ ނެރެވޭނެ،" ރޭގެ މެޗަށްފަހު ޕެޕް ބުނެފައިވެއެވެ.

ޕެޕް ބުނެފައި ވަނީ ރޭގެ މެޗުގައި އާސެނަލް އަށް ދެއްކި ރަތް ކާޑާއެކު އާޓެޓާއަށް އިތުރު އުނދަގޫތަކާ ކުރިމަތިވި ކަމަށާއި، އެކަންކަން އެންމެ މެޗަކުން ރަނގަޅު ނުކުރޭވެނެ ކަމަށެވެ.

މިވަގުތު އާސެނަލް ތާވަލުގެ ފުލުގައި އޮތްއިރު، އެޓީމަށް ވަނީ އަނިޔާގެ މައްސަލަ އާއި ކޮވިޑްގެ މައްސަލަތަކާ ހުރެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ގެއްލިފައެވެ. ހާއްސަކޮށް ފުރަތަމަ ދެ މެޗުގައިވެސް ޓީމުގެ ކެޕްޓަން ޕިއޭ އެމްރިކް އަބަމަޔާން އާއި ލަކަޒެޓް ފަދަ ކުޅުންތެރިންތަކެއް ވެސް ވަނީ ކޮވިޑްގެ ސަބަބުން ގެއްލިފައެވެ. އަބަމަޔާން ލީގުގައި ކުޅުނު ފުރަތަމަ މެޗަކީ އިއްޔެގެ މެޗެވެ.