ވ. ތިނަދޫގައި ރޯގާއެއް ފެތުރޭތީ ރެންޑަމްކޮށް ނެގި ސާމްޕަލްތަކެއް ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގު ހަސަން "ވަން" އަށް މިއަދު ވިދާޅުވީ އެ ރަށަށް އައި އިންޑިއާ ފަތުރުވެރިންތަކެއް ފުރުމުގެ ކުރިން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭރު ރަށުތެރޭގައި ރޯގާއެއް އުޅޭތީ ޓާސްކު ފޯހާއި ކައުންސިލާ މަޝްވަރާކުރުމަށްފަހު ރެންޑަމް ސާމްޕަލް ނަގަން ނިންމީ ކަމަށެވެ.

ޝިފާގު ވިދާޅުވީ ރެންޑަމްކޮށް ރަށު ތެރެއިން ނެގި 22 ސާމްޕަލްއަކުން މިހާތަނަށް ދިހަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ. އަދި އެމީހުންނަކީ އިންޑިއާ ފަތުރުވެރިންނާ ކޮންޓެކްޓުވެފައިވާ ބައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ސީދާ ނޭނގެ ބަލި ފެތުރުނީ ކިހިނެއް ކަމެއް. މި ފަތުރުވެރިންވެސް ދާނީ މިސްކިތަށް. އެތަނުންވެސް ބަލި ފެތުރިދާނެ. ފަތުރުވެރިންގެ ތެރެއިން އެއްވެސް މީހެއްގެ އަނެއްހެން މާބޮޑު އަލާމާތެއް ނުފެނޭ. އެކަމަކު ފަސް ފަތުރުވެރިޔަކު ޕޮޒިޓިވް ވީމަ އަޅުގަނޑުމެން ނިންމީ ރަށުން ރެންޑަމް ސާމްޕަލް ނަގަން. އޭރުވެސް ރަށުގެ ބައެއް މީހުން ރޯގާ ޖެހިގެން އުޅުނީ،" އޭނާ ވިދާޅުވިއެވެ.

ޝިފާގު އިތުރަށް ވިދާޅުވީ އެ ރަށުގައި މިހާރު 500 އެއްހާ މީހުން ދިރިއުޅޭ ކަމަށެވެ. އަދި މިހާރު ނަގާފައި ހުރި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށައި އިތުރަށްވެސް މީހުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ 18 ރަށެއް މިހާރު މޮނިޓަރިންގައި އޮތް އިރު، މި ބަލީގައި ރާއްޖެއިން 225 މީހަކު ވަނީ މަރުވެފައެވެ.