ރާއްޖޭގެ ސްޕޯޓްސް އިވެންޓް މެނޭޖްމަންޓް ކުންފުނި، ޓެކާސް އިން ފުޓްސަލްއަށް އިންގިލާބީ ބަދަލެއް ގެންނާނެ ފަދަ ފުޓްސަލްގެ ތިން މުބާރާތެއް "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް"ގެ ނަމުގައި ލޯންޗުކޮށްފިއެވެ.

ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތްތައް އިފުތިތާހު ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރުގެ ނާއިބް މުހައްމަދު އަޒްމީލެވެ. ޓެކާސް އިން އިއުލާން ކުރި ޗެމްޕިއަންޝިޕުގައި ހިމެނެނީ މާލެ ސަރަހައްދާއި ރިޒޯޓުތަކާއި ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ތަފާތު ތިން މުބާރާތެކެވެ.

އެގޮތުން މާލެ ސަރަހައްދަށް ހާއްސަކޮށްގެން ބާއްވާ "ގްރޭޓާ މާލެ ކަޕް"ގެ ރަޖިސްޓްރޭޝަން އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލައި، އެޗްޕީއޭ އިން ހުއްދަދިންހާ އަވަހަކަށް ގަލޮޅު ފުޓްސަލް ކޯޓުގައި ފަށާ ގޮތަށް ވަނީ ނިންމައިފައެވެ. އެ މުބާރާތުގައި 32 ޓީމު ބައިވެރިކުރާނެއެވެ.

އެ މުބާރާތަށްފަހު އޮންނާނީ "ޓެކާސް ރިސޯޓް ކަޕް"ގެ ނަމުގައި ބާއްވާ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖޭގެ 60 ރިސޯޓެއް ބައިވެރިކުރާނެއެވެ. އަދި "ޓެކާސް މޯލްޑިވްސް ކަޕް"ގެ ނަމުގައި ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތް އޮންނާނީ އަތޮޅު ފެންވަރުން ފެށިގެން މުޅި ރާއްޖެއިން ޗެމްޕިއަނެއް ހޮވާ ގޮތަށެވެ.

މި ތިން މުބާރާތަކީވެސް ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންޑޯސް ކޮށްފައިވާ ބޮޑު ތިން މުބާރާތެވެ.

އިއްޔެގެ ރަސްމިއްޔާތުގައި މުބާރާތުގެ ސްޕޮންސަރުންނާ އެކު ވަނީ ސޮއިކޮށްފައެވެ. ޕްލެޓިނަމް ސްޕޮންސަރުގެ ގޮތުގައި ޓައިޓަލް ނަގާފައި ވަނީ ރާއްޖޭގެ ކުޅިވަރުގައި އެންމެ ފާހަގަކޮށްލެވޭ ނަން "މައިލޯ" އެވެ. ގޯލްޑް ޕާޓްނަރުންނަކީ އުރީދޫ މޯލްޑިވްސް، އަލް ޝާލީ މެރިން މޯލްޑިވްސް، އެމްޓީސީސީ، ވެލިގާ ހާޑްވެއާ، މޯލްޑިވްސް ގޭސް، މޯލްޑިވިއަން، ވެލްވޮލިން، މީޑިއާނެޓް އަދި ޕާސަނަލް ކޮމްޕިއުޓާސްއެވެ.

ސިލްވާ ޕާޓްނަރުންނަކީ ސަން ފްރަންޓް، ސޮނީ ސްޕޯޓްސް، ކޮޕިއާ ޕްލަސް، ލިންކް ސާވް، ޕްރިންޓް ލެބް، ދިވެހި އިންޝުއަރެންސް އަދި އިވެންޓް މޯލްޑިވްސްއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "އަދަދު" އެވެ. ރާއްޖޭގެ ރީތިކަން ސިފަވާ ގޮތަށް ހަދާފައިވާ މުބާރާތުގެ ޓްރޮފީ ފަރުމާކުރީ ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރު ހުސެއިން އަތީކް (އަޓިއްކޭ) އެވެ.

ޓެކާސްގެ ވެބްސައިޓް ފަރުމާކޮށްފައި ވަނީ ޓީމުތައް އޮންލައިންކޮށް ރަޖިސްޓްރީވެވޭ ގޮތަށެވެ. އަދި ވެބްސައިޓުން ހުރިހާ ސްޓެޓިސްޓިކްސްއެއް ފެންނަ ގޮތަށް ހަދާނެ ކަމަށެވެ. އޭގެ ސަބަބުން މުބާރާތަށް ކުޅުންތެރިންނާއި އާއްމުންގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށް ޓެކާސްގެ ހިންގުންތެރިޔާ ޑރ. ސަނީ އުމަރު ވިދާޅުވިއެވެ.