ވެރިކަން ކުރާނެ ނިޒާމު ރައްޔިތުން ކަނޑައަޅާފައިވާ ކަމަށާއި އެކަމަށް ބަހުސެއް ކުރާނެ ޖާގައެއް ނެތް ކަމަށް މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ވަން ޕްލަސްގެ "ވަަން އެކްސްކްލޫސިވް" ފުރަތަމަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ޝިދާތާ މިހެން ވިދާޅުވީ ވެރިކަން ކުރުމުގެ ނިޒާމާ މެދު ސުވާލު ދެންނެވުމުންނެވެ.

"ރައްޔިތުން އޮތީ މިހާރު ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމު ކަނޑައަޅާފައި. ދެން އެކަމަށް މިހާރު އިތުރު ބަހުސެއް ކުރަން ޖާގަ އޮތް ތަނެއް ނުފެނޭ. އަޅުގަނޑަށް ރާއްޖޭގައި ވެރިކަން މިކުރާ ނިޒާމު ރަނގަޅު،" ޝިދާތާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެރިކަން ކުރާ ނިޒާމު، ރިޔާސީ ނިޒާމު ރަނގަޅުކަން ފާހަގަކުރައްވަމުން ޝިދާތާ ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް އިތުރަށް ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި އެގޮތުން ރާއްޖޭގައިވެސް އެގޮތަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ރަނގަޅު ކުރަންޖެހޭ ވަކި ކަމެއް ފާހަގަ ނުކުރެއްވި ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލާ އިރު، ރާއްޖޭގައި މިހާރު މިއޮތީ އެންމެ ރަނގަޅަށް ވެރިކަން ކުރެވޭނެ ނިޒާމު ކަމަށް ގަބޫލުކުރައްވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އިސްވެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.