ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރަނގަޅު ގުޅުމެއް އެބަ އޮތް ކަމަށާއި ތަފާތަކީ އެމަނިކުފާނުގެ ކެބިނެޓުގައި ނެތުން އެކަނި ކަމަށް މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

ޝިދާތާ އެހެން ވިދާޅުވީ ވަން ޕްލަސްގެ ހާއްސަ ޕްރޮގުރާމް "ވަަން އެކްސްކްލޫސިވް"ގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމުގެ މަގާމު ފުރުއްވި އަދި މިހާރު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގެން ހުންނެވި ޝިދާތާ ވިދާޅުވީ، ރައީސް ސޯލިހާ އެއްވެސް ތަފާތު ވިސްނުމެއް އަދި ހިތްނުތަނަވަސް ކަމެއްވެސް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކުގައި މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ވަޒީރު ކަމުގައި ހުރި އިރެކޭ އަދި މިހާރެކޭ އަޅުގަނޑަކަށް ރައީސް ސޯލިހަކާ އަޅުގަނޑުގެ ވިސްނުމެއް ތަފާތެއް ނޫން. ތަފާތަކީ ހަމައެކަނި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ގޮޑިއެއްގައި އަޅުގަނޑު އިށީންދެ ނެތްކަން،" ޝިދާތާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ކެމްޕެއިން ދުވަސްވަރު އެންމެ އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ޝިދާތާ މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެ މަގާމުގައި ހުންނަވައިގެން ޒިންމާ އަދާ ނުކުރެއްވޭ ކަމަށް ބުނެ، ބައެއް ސިޔާސީ ބޭފުޅުންނާއި އާންމުން ކުރިމަތި ކުރުވި ޕްރެޝަރުތަކާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.