ހުޅުމާލޭގައި ބައިލިންގުއަލް (ދެ ބަހުން ކިޔަވައިދޭ) އިންޓަނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމަށް ކުވެއިތުގެ ކުންފުންޏެއް ކަމަށްވާ އަލްޖެރީ ހޯލްޑިން ގުރޫޕާ އެކު ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީއެވެ.
ހުޅުމާލޭ ފޭސް އެކެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1200 ދަރިވަރުންގެ ޖާގައިގެ އެ ސްކޫލަކީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. އަދި އެތަނުގައި އަރަބި ބަސްވެސް ކިޔަވައިދޭން ހަމަޖެހިފައިވާ އިރު، އެ ސްކޫލުގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ސްކޫލު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި އަންނަ ދިރާސީ އަހަރު ފެށޭ އިރު ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށާއި ދެވަނަ ފިޔަވަހީގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާ އެކު ކިޔެވުން ފެށިގެން ދާނެ ކަމަށް ބުންޏެވެ.
އެ ސްކޫލު އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް އެޑިއުކޭޝަނުން ބުނެއެވެ.
އަލްޖެރީ ހޯލްޑިން ގުރޫޕުން މިހާރުވެސް ދަނީ ކުވެއިތުގައި 20 އިންޓަނޭޝަނަލް ސްކޫލެއް ހިންގަމުންނެވެ. އަދި އެ ކުންފުނީގެ ޗެއާމަން ތޮލާލް ހަލީފާ އަލްޖެރީ އަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަހުސިއްޔަތެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު