ށ. ޅައިމަގުގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، 17 އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާ ކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

އަނިޔާ ލިބުނު ކުއްޖާގެ މަންމަ ''ވަން'' އަށް ކިޔައިދިން ގޮތުން، މިދިޔަ އާދިއްތަ ދުވަހުގެ ރޭ، ބޭރު ޖޯލީގައި ދަރިފުޅު އޮއްވައި ތިން މީހުންގެ ގުރޫޕަކުން އައިސް ދަރިފުޅު ގަދަކަމުން ރަހީނު ކޮށްގެން ގެންދިޔައެވެ. އަދި އެރޭ ދަރިފުޅު ގެއަށް އައި އިރު، ހަށިގަނޑުގެ އެކި ތަންތަނުގައި ސިނގިރޭޓު ޖައްސާފައި ހުރިކަމުގެ ނިޝާންތަކާއި ތަޅައި އަނިޔާ ކޮށްފައި ހުރި ނިޝާންތައް ފެންނަން ހުރި ކަމަށް ބުންޏެވެ.

ކުއްޖާގެ މަންމަ އިތުރަށް ބުނީ، އޭނާގެ ދަރިފުޅަށް 10 ވަރަކަށް މީހުންގެ ގުރޫޕަކުން އަނިޔާކުރި ކަމަށް ކުއްޖާ ބުނާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އަނިޔާ ކުރި މީހުންގެ ވާހަކަ ފުލުހުންނާ ހިއްސާކުރާތީ ކަމަށްވެސް ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.