މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގައި ފިއުލް ޝެޑެއް ގާއިމު ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޝެޑްގެ މަސައްކަތް ފެށުމަށް ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެފްއެސްއެމާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން މިއަދު ބުނީ އިންޑަސްޓްރިއަލް ޒޯންގައި ތަރައްގީ ކުރާނީ ޒަމާނީ ފެންވަރުގެ ފިއުލް ޝެޑެއް ކަމަށެވެ. އަދި މި ޝެޑުން ހަތަރު ފުރޮޅުލީ 8 އުޅަނދަށާއި ދެ ފުރޮޅުލީ 16 އުޅަނދަށް އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށް ބުންޏެވެ.
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މީގެ ކުރިން ވިދާޅުވީ އެ ޕެޓްރޯލް ޝެޑް ހަދަނީ މިހާރު އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވަގުތީ ޕެޓްރޯލް ޝެޑާ އިންވެގެން އެތަންވެސް ހިމެނޭ ގޮތަށް ކަމަށާއި އަލަށް ހަދާ ޕެޓްރޯލް ޝެޑް މިހާރު ހުރި ތަނަށްވުރެ ތިން ގުނަ ބޮޑުވާނެ ކަމަށެވެ.
ގަސަމް ވިދާޅުވީ އެ ޝެޑަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރާ ޝެޑަކަށް ވާނެ ކަމަށާއި އެގޮތުން އެތަނުން ސެލްފް ސާވިސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ އެތަން ފަށާއިރު އެއްވެސް ސްޓާފެއްގެ އެހީއަކާ ނުލައި އަމިއްލައަށް ފައިސާ ދެއްކޭނެ، އަމިއްލައަށް ތެޔޮ އަޅައިގެން ހިދުމަތް ލިބިގަނެވޭނެ އިންތިޒާމު ހަމަޖެއްސުމަށް،" ގަސަމް ވިދާޅުވިއެވެ.
މި ޝެޑު ގާއިމުކުރުމުގެ ކުރިން، މިހާރު ގާއިމުކޮށްފައިވާ އިތުރު ޝެޑަކުން ސެލްފް ސާވިސްގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ގަސަމް މީގެ ކުރިން ވަނީ ވިދާޅުވެއެވެ.
އެފްއެސްއެމްއިން މާލޭ ސަރަހައްދުގައި ފަސް ޕެޓްރޯލް ޝެޑު ހިންގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު