ތ. ގާދިއްފުށީގައި އެމްޓީސީސީން ކުރިއަށްގެންދާ ފެނާއި ނަރުދަމާ އެޅުމުގެ މަޝްރޫއާއި ތ. ގުރައިދޫ ބަނދަރު ހެދުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ތ. މަޑިފުށީ ބަނދަރު އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ.

އާޒިމް ވަނީ އެ ދެ ރަށުގެ ކައުންސިލާ ބައްދަލުކޮށް މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އަރުވައިފައެވެ.

ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 1،875 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މަޑިފުށީ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ މަޝްރޫއަކީ 52.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.