ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުގެ ފުރަތަމަ ކޯޕަރޭޓް މެމްބަރު ކަމުގައިވާ ދިރާގުން މިއަހަރުވެސް ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް އައުކޮށް ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ނިންމައިފިއެވެ.
ދިރާގުން ބުނީ މިކަމަކީ ދިވެހި ރެޑް ކްރެސެންޓާއި ދިރާގާ އޮންނަ ގުޅުން ވަރުގަދަވެ ކުރިއަށް އޮތް ތަނުގައި ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަމަށެވެ.
ދިވެހި ރެޑް ކްރެސެންޓަށް 12 އަހަރު ފުރުން ފާހަގަކޮށް މި އެއްބަސްވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވުނީ ދިރާގުގެ މައި އޮފީހުގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ އަމީން އާންމު ފާތިމަތު ހިމްޔާ ވިދާޅުވީ ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ހުޅުވާލެވިފައިވާ ކޯޕަރޭޓް މެމްބާޝިޕް ފުރުސަތުގައި ދިރާގުން ބައިވެރިވެ މިކަމުގައި ކުރިއަށް ދިއުމަށް ނިންމުމަކީ ދިވެހި ރެޑްކްރެސެންޓަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރެޑް ކްރެސެންޓުން ބުނީ އެކުންފުނީގެ މި އިސްނެންގުމާއެކު އައު ކުރެވުނު މެމްބާޝިޕްގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފުސާނީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށެވެ.
މިކަމަކީ މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީނުކުރުވައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ޔުނިޓުތައް މި ރޮނގުތަކުން ތަރައްގީކުރުމަށްވެސް ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.
ދިރާގުގެ ކޯޕަރޭޓް ސާވިސް ޑިރެކްޓަރު އާތިފާ އަލީ ވިދާޅުވީ ދިވެހި ރެޑް ކްރެސެންޓުން ކުރާ އަގުހުރި މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކި ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ދިވެހި ރައްޔިތުންނަށް ވަރުބަލިކަމެއް ނެތި އޯގާތެރިކަމާއެކު ވަމުންދާ އެހީ ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރާ ކަމަށެވެ.
ފާއިތުވި ދެ އަހަރު ވެގެންދިޔައީ ކޮވިޑް 19ގެ ގާލަތުން އަރައިގަތުމަށް ސަރުކާރަށް ވާގިވެރިވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓުން ކުރިއަށްގެންދިޔަ ވަރަށް ގިނަ މަސައްކަތްތަކުގައި ދިރާގުގެ އެހީތެރިކަން ލިބުނު އަހަރުތަކަކަށެވެ. އެގޮތުން ދިވެހި ރެޑް ކްރެސެންޓުން ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ދިރާގުން ވަނީ ގާއިމުކޮށްދީފައެވެ.
އޭގެ އިތުރުން ކޮވިޑުގެ ކަންކަމާ ގުޅޭ ޓެލެކޮމިއުނިކޭޝަން ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތަކަށް ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ދިރާގުން ފޯރުކޮށްދޭ މިފަދަ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް އެކުންފުނިން ދެކެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު