ތ. އޮމަދޫގައި މިއަދު ހުޅުވިގެންދިޔަ ބަނދަރާއެކު ރަށުގެ ރައްޔިތުންގެ އުންމީދުތައް އާވެގެން ހިނގައްޖެ ކަމަށް އޮމަދޫ ކައުންސިލުން ބުނެފިއެވެ.

އޮމަދޫ ކައުންސިލުން މިހެން ބުނީ، ރައީސުލްޖުމްހޫރިއްޔާއާއެކު އެރަށު ކައުންސިލު އިދާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް މިއަދު ވަނީ އޮމަދުއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައިދެއްްވައިފައެވެ. ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް އޮމަދޫ ކައުންސިލާއެކުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ރަށު ސްކޫލުގެ އާބާތުރަ ފިލުވުމާއި ބޭނުންވާ ބައެއް ވަސީލަތްތައް މަދުކަން ފާހަގަކުރައްވައިފައެވެ. އަދި މަސްވެރިކަމާ ގުޅޭ މަސައްކަތްކުރުމަށާއި ދަނޑުވެރިކަމަށް ދޫކުރާ ބިން ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި ޒުވާނުންގެ މަރުކަޒެއްގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ކައުންސިލުގެ ކަންބޮޑުވުންތައް އެއްސެވުމަށް ފަހު ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި އޮމަދޫ ކައުންސިލުން ވަނީ އެރަށުގައި މިއަދު ހުޅުވިގެންދިޔަ ބަނދަރާއެކު ތަރައްގީގެ ކަންކަން ފުޅާކުރުމަށް ފުރުސަތު ފަހިވެއްޖެ ކަމަށާއި ރައްޔިތުންގެ އުންމީދުތައް އާ ވެއްޖެކަމުގައި ބުނެފައެވެ.

ޒަމާނުއްސުރެ އޮމަދުއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަ ހައްލުކޮށްދީ އެރަށުގައި ބަނދަރެއް ހަަދައިދިނީ މި ސަރުކާރުންނެވެ.

އޮމަދޫގައި ތަރައްގީކޮށް ބޭނުންކުރަން ފެށި ބަނދަރަކީ 388 މީޓަރުގެ ބަނދަރެކެވެ. އެ ބަނދަރު ހެދުމަށް 32.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.