މި އަހަރުގެ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކޮންމެ އަހަރެއްގެ ޒުވާނުންގެ ގައުމީ ދުވަހާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވައި ޒުވާނުންކުރާ މަސައްކަތްތައް އަގުވަޒަންކުރުމުގެ ގޮތުން "ޒުވާނުންގެ އިނާމު"ގެ ނަމުގައި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް ޒުވާނުންގެ އިނާމަށް ނަން ހުށަހެޅޭ ދާއިރާތަކަށް މިއަހަރު ބަދަލު ގެނެވިފައިވާ ކަމަށްވެސް އިއުލާނުގައިވެއެވެ.

އެގޮތުން ކުރިން 17 ދާއިރާއަކަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވީ ނަމަވެސް މި އަހަރު ދާއިރާތަކަށް ބަދަލުގެނެވި، ނަންތައް ހުށަހެޅުމުގެ ދާއިރާތަކުގެ އަދަދު ވަނީ 18 އަށް އިތުރުކޮށްފައެވެ.

މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 36 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި މަދުވެގެން ފަސް އަހަރު ދުވަހު ދާއިރާގައި މަސައްކަތްކޮށްފައި ވާން ޖެހޭނެއެވެ.

  • ވިޔަފާރި އާއި އިގުތިސާދު
  • އާޓް - ފަންނުވެރި ޒުވާނާ
  • މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުން
  • ސިއްހީ ނުރަނގަޅު އާދަތަކާ ދެކޮޅަށް މަސައްކަތް ކުރުން
  • ކުޅިވަރަށް ހިދުމަތް ކުރުން
  • ދަރުމަވެރިކަން
  • ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
  • ނަފުސާނީ ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރުން
  • ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
  • މަސްވެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް މަސައްކަތް ކުރުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން
  • ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން
  • ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާ ކުރުމަށް މަސައްކަތް ކުރުން
  • ދިވެހި ބަހާއި ސަގާފަތަށް ހިދުމަތްކުރުން
  • ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
  • ނޭޝަނަލް ޔޫތު ވޮލަންޓިއާ ޕްރޮގްރާމްގެ ތެރެއިން ޔޫތު މިނިސްޓްރީ އިން ދޭ ހާއްސަ އިނާމު

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި ސެޓްފިކެޓް ލިބިގެން ދާނެއެވެ.

މިނިސްޓްރީން ބުނީ މި އިނާމަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ޒުވާނުންގެ އިނާމަކީ ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާ ހުރި އުފެއްދުންތެރި، ޒިންމާދާރު ހުރި ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގި ދިނުމުގެ ގޮތުންދޭ އިނާމެކެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ 22 އޮކްޓޯބަރު 2021 ވާ ހުކުރު ދުވަހުއެވެ.