ކ. ތުލުސްދޫގައި ގާއިމުކޮށްފައިވާ ކަސްޓަމްސްގެ އޮފީސް ބަންދުކޮށްފިއެވެ.

ތުލުސްދޫގައި ހުންނަ ކަސްޓަމްސްގެ އޮފީސް އިއްޔެ ބަންދުކުރިކަން ފާހަގަކޮށް އެ މުއައްސަސާ އިން މިއަދު ބުނީ ތުލުސްދޫގައި ކަސްޓަމްސްގެ ހިދުމަތް ގާއިމުކުރެވިފައިވަނީ ތުލުސްދޫގައި ހިކި ކަނޑުމަސް ރައްކާކުރުމާއި ބަންދުކޮށް ރާއްޖެއިން ބޭރުކުރުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ގިނަ ފަރާތްތަކުން ކުރަމުން ދިއުމާ ގުޅިގެން މަސް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ކަސްޓަމްސްގެ ހިދުމަތް ލުއިފަސޭހަކޮށް ފޯރުކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ކަސްޓަމްސްގެ ރަސްމީ ބަނދަރުތައް ކަމުގައިވާ މާލޭ ކޮމާޝަލް ހާބަރު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެމުން އަންނަ ހިދުމަތްތައް ވަރަށް ބޮޑަށް ފުޅާވެ ތަރައްގީ ކުރެވިފައިވުމާއެކު، މާލެއާއި ކައިރި ސަރަހައްދުތަކުގައި މަސައްކަތް ކުރަމުން އަންނަ މުދާ އެކްސްޕޯޓު ކުރާ ފަރާތްތަކުން ރަސްމީ ބަނދަރުތަކުން ހިދުމަތް ހޯދުން އިތުރުވެފައިވާ ކަމަށް ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ވޭތުވެދިޔަ ހަތް އަހަރުގެ ތެރޭގައި ތުލުސްދޫގައި ގާއިމުކޮށްފައިވާ ކަސްޓަމްސް އޮފީހުން، މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކުން އެއްގޮތަކަށް ވެސް ހިދުމަތް ނުހޯދާ ކަމަށާއި އެހެންކަމުން އެރަށުގައި ހުންނަ ކަސްޓަމްސް އޮފީހުގެ އޮޕަރޭޝަންތައް ފާއިތުވި އަހަރުތަކުގައި އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. އަދި އެކްސްޕޯޓް ކްލިއަރަންސް މަރުހަލާގައި ހަރަކާތްތެރިވާ އެހެނިހެން ކަމާގުޅޭ ރަސްމީ އިދާރާތައްވެސް މިހާރު ތުލުސްދޫގައި ގާއިމުވެ ހިދުމަތް ދިނުމުގެ ބަދަލުގައި ރަސްމީ ބަނދަރުތަކަށް ބަދަލުވެފައިވާ ކަމަށް ވެސް ބުންޏެވެ.

"ތުލުސްދޫ ކަސްޓަމްސްގައި މަސައްކަތްކުރަމުން އައި އޮފިސަރުންގެ ހިދުމަތް ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި މިވަގުތު ދެވޭނީ ކަސްޓަމްސްގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގެ މަތީން ފޯރުކޮށްދެމުންދާ އޮފީހެއްގައި ހިދުމަތްކުރެވިގެން ކަމުގައިވާތީވެ، އެ އޮފީހުގައި މަސައްކަތްކުރަމުން އައި އޮފިސަރުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންގެ ގަވާއިދު (ގަވާއިދު ނަންބަރު 2012/R-35 ) ގެ ދަށުން، ކަސްޓަމްސްގެ އެހެން ސެކްޝަންތަކަށް ބަދަލުކުރެވިފައެވެ..،" ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ ތުލުސްދޫ ކަސްޓަމްސް އޮފީސް ބަންދު ކުރުމަށް ނިންމާފައިވަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެފަރާތްތަކުގެ ލަފާގެ މަތިން ކަމަށާއި އިމްޕޯޓް އެކްސްޕޯޓް ކުރާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެ މުއައްސަސާއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.