ޓީ-ބިލާއި ބޮންޑު ވިއްކުމުގެ އިދާރީ ހުރިހާ މަސައްކަތެއް ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
ޓީ-ބިލާއި ބޮންޑު ވިއްކުމުގެ މަސައްކަތްތައް ކުރުމަށް ފިނޭންސް މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި ފަންނު ނެތުމުން އެޖެންސީ އެގްރީމެންޓެއްގެ ދަށުން ކުރިން އެ މަސައްކަތްކުރަމުން އައީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިންނެވެ. އެމްއެމްއޭ އިން އެ މަސައްކަތް ކުރި އިރުވެސް، ސެކިއުރިޓީސްއާ ގުޅުންހުރި ދަރަންޏާއި ދައުލަތުގެ ޖުމުލަ ދަރަނި ރެކޯޑުކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރަނީ މިނިސްޓްރީންނެވެ.
ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގުވާމީ ހަމަތަކާއި، ވޯލްޑް ބޭންކް އަދި އައިއެމްއެފް ފަދަ މާލީ އިދާރާތަކުގެ ލަފާގެ މަތިން ދަރަނި ބެލެހެއްޓުމުގެ އިދާރީ އޮނިގަނޑު ހަރުދަނާ ކުރުމުގެ ގޮތުން ދަރަނި ނެގުމުގެ އެންމެހާ އިދާރީ ކަންކަން އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން ދައުލަތުގެ ޓްރެޒަރީ ބިލާއި ބޮންޑު ރަށްވެހިބާޒާރަށް ވިއްކުމުގެ އިދާރީ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް މިއަދު ބަދަލުކޮށްފައިވާ ކަމަށެވެ.
"ޓްރެޒަރީ ބިލާއި ބޮންޑު ވިއްކުމުގެ އަމަލީ މަސައްކަތްތަކަށް ގެނެވުނު ހެޔޮ ބަދަލާއެކު މިނިސްޓްރީ އާއި ދައުލަތުގެ ޓްރެޒަރީ ބޮންޑު ފަދަ ތަކެތި ގަންނަ ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، ރަށްވެހި ބާޒާރު ފުޅާކޮށް ތަރައްގީކުރުމަށް ފަސޭހަވެގެން ދާނެއެވެ. އަދި މި ގެނެވުނު ބަދަލާއެކު މަރުކަޒީ ބޭންކުގެ މަނިޓަރީ ޕޮލިސީ ތަންފީޒުކުރުމުގައި މަރުކަޒީ ބޭންކަށާއި، އަދި ދައުލަތުގެ މާލީ ސިޔާސަތު ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެއެވެ..،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތްތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރި ނަމަވެސް އެފަދަ ކަންކަމުގައި އަބަދުވެސް މަސައްކަތްކުރާނީ އެމްއެމްއޭއާ ގުޅިގެން ކަމަށާއި އެގޮތުން ރަށްވެހިބާޒާރަށް ވިއްކާ އެފަދަ ދައުލަތުގެ ސެކިއުރިޓީތަކުގެ ރެގިއުލޭޓަރަކީ ކުރިއެކޭވެސް އެއްގޮތަށް އެމްއެމްއޭ ކަމަށެވެ. އަދި މާލީ ރަށްވެހިބާޒާރު އިތުރަށް ހަރުދަނާ ކުރުމަށް އެމްއެމްއޭއާއެކު މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު