ލަންކާގެ ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގައި ޔޮޓް ފަހަރު ބަންނަ ފެސިލިޓީއެއް ގާއިމު ކުރުމަށް ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުންޏަކާއެކު އެއްބަސްވެއްޖެ އެވެ.

ލަންކާގައި ޒަމާނީ ފެންވަރުގެ ޔޮޓު ބަނުމަށް ހާއްސަ ފެސިލިޓީއެއް ގާއިމު ކުރުމަށް ހަވާލުކޮށްފައިވަނީ "ސީ ހޯސް ޔޮޓް ލިމިޓެޑް" ނަމަކަށް ކިޔާ ދިވެހި ހިއްސާދާރުންތަކެއް ހިމެނޭ ކުންފުންޏަކާއެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު ލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސީ ހޯސް ޔޮޓް ލިމިޓެޑުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ރައީސް އަލީ ހުސެއިން ދީދީ އެވެ. އަދި ހަމްބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޖޯންސަން ލިއު އެވެ. މި ރަސްމިއްޔާތުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ލަންކާގެ ޔޫތު މިނިސްޓަރު ނަމަލް ރާޖަ ޕަކްސަ ވަނީ ބައިވެރިވަޑައިގެންފަ އެވެ.

ލަންކާގެ ޔޫތު މިނިސްޓަރު ނަމަލް ރާޖްޕަކްސާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކޮވިޑުގެ ސަބަބުން ލަންކާގެ އިގްތިސޯދަށް އައި ހީނަރުކަން ރަނގަޅު ކުރުމަށް ފަހިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މި ފެސިލިޓީއާއެކު 500 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 58 މިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓުގެ ދަށުން ބަންނަ އުޅަނދުތަކަކީ ޒަމާނީ ފެންވަރުގެ އެންމެ ފަހުގެ އީޖާދީ ފަންނުވެރިކަމާ އެކު ބަނދެވިގެން ދާނެ އުޅަނދުތަކެއް ކަމަށް ސީހޯސް އިން ވަނީ ބުނެފަ އެވެ.