ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި އުފެއްދެވި ދިވެހި ގައުމީ ހަރަކާތް (ޑީއެންއޭ)ގެ ފަރާތުން 2023ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމައިފިއެވެ.

ޑީއެންއޭގެ ސްޕޯކްސްޕާސަން އަބްދުﷲ ޝުޖާއު މިރޭ "ވަން"އަށް ވިދާޅުވީ އެ ހަރަކާތުގެ ފަރާތުން 2023ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް އިންޓެރިމް އެގްޒެކެޓިވް ކޮމިޓީގެ އިއްތިފާގުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.

"ކޮންމެ ޕާޓީއެއްގެ، ކޮންމެ ބޭފުޅަކު ވިޔަސް، އެއީ ޑީއެންއޭގެ ޗާޓަރު ގަބޫލުކުރާ ބޭފުޅެއް ނަމަ ޑީއެންއޭގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރެވޭނެ. އުމަރު ނަސީރާއި އިތުރު ދެ ބޭފުޅަކު މިހާތަނަށް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވެސް ވާދަކުރައްވާނެކަން އުމަރު ކުރިން ވެސް އިއުލާންކުރައްވާފައިވާ ކަމަށާއި ނަމަވެސް ޑީއެންއޭގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން އުމަރު އަދި ފާޅުކުރައްވާފައި ނުވާ ކަމަށެވެ. އަދި އުމަރަށް ވެސް ޑީއެންއޭގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ޑީއެންއޭގެ ފަރާތުން ރިޔާސީ އިންތިހާބަށް ވާދަކުރަން ބޭނުންވާ ބޭފުޅުންނަށް ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލާނަން. އެއަށްފަހު އެކްސްކޯ އިން ކަންތައްތަކަށް ބަލާނެ. ޑީއެންއޭގެ ވެސް އޮންނާނެ ގަވައިދުތަކެއް. އެ ގަވައިދުތައް ގަބޫލުކުރާ ބޭފުޅަކަށް ވާން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ޑީއެންއޭ އަކީ ސިޔާސީ މައިދާނާއި ތައުލީމީ ދާއިރާ ފަދަ އެތައް ދާއިރާއެއްގެ ތަޖުރިބާ ހުންނެވި ބޭފުޅުން ހަރަކާތްތެރިވާ ހަރަކާތެއް ކަމަށެވެ.