ގެއްލުވާލާފައިވާ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

“ވަން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ހުސެއިން ވަހީދު މަރު ކޮމިޝަނަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ވަނީ ކޮށްފައެވެ.

ނަމަވެސް އޭނާ ކޮމިޝަނަށް ހާޒިރު ކުރީ ކޮން ދުވަހެއްގައިކަން ވަނީ އެނގޭ ގޮތް ނުވެފައެވެ.

މިކަމާ ގުޅިގެން މަރު ކޮމިޝަނުގެ މެމްބަރު މިސްބާހު އައްބާސްއާ ސުވާލު ކުރުމުން އޭނާ މިއަދު "ވަން" އަށް ވިދާޅުވީ، މަރު ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަތަކަށް އެފަހަރަކު ބޭނުންވާ މީހަކު އެކަމަކާ ގުޅޭގޮތުން ހާޒިރުކޮށް ސުވާލު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ކޮމިޝަނަށް ހާޒިރުކުރާ މީހުންނާ ބެހޭ މައުލޫމާތުތަކަކީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ހުސެއިން ވަހީދު ކޮމިޝަނަށް ހާޒިރު ކުރި މައްސަލައާ ބެހޭގޮތުން މިސްބާހު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ރިލްވާން މައްސަަލައާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ސުވާލު ކުރުމަށް މިދިޔަ އަންގާރަ ދުވަހު، އެމަނިކުފާނުވެސް ވަނީ ރިޔާސީ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

ނަމަވެސް އެމަނިކުފާނު ހުންނެވީ ހަނު ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރަނީ ނޫސްވެރިޔާ ރިލްވާން މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތެވެ.

އެކަމާ ގުޅިގެން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އެދުވަހު "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ކަމަށެވެ.

"ރައީސް ޔާމީން ރިޔާސީ ކޮމިޝަނަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން،" މިސްބާހު ވިދާޅުވިއެވެ.

މިސްބާހު ވިދާޅުވީ ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ މި މައްސަލައަށް ރައީސް ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން ކަމަށާއި ނަމަވެސް ކޮމިޝަނުން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށެވެ.

"ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ ކޮމިޝަނުން ކޮށްފައިވާ ތުހުމަތުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން. ނަމަވެސް ކޮމިޝަނަށް ހާޒިރުކޮށް ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ދައުލަތުގެ އެންމެ މަތީ މަގާމު އަދާކުރައްވާފައިވާ އެފަދަ ބޭފުޅަކު އެއްބާރުލުން ނުދެއްވާ ހަނު ހުންނަވާފައިވާތީ ކޮމިޝަނުން ހިތާމަ ކުރަން،" މިސްބާހު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނަށް ކުރަނީ ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވުމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން ރައީސް ޔާމީން ކުރެއްވީ ކޮންކަމެއް ކަމެއް ކޮމިޝަނުން ސާފުކޮށް ނުދޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކުރައްވާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެ މައްސަލައަށް ހުރަސް ނާޅުއްވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.