ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ފުރި ގަތަރު އެއާވޭސްގެ ފްލައިޓެއްގެ ބިއްލޫރިގަނޑަކަށް ގެއްލުންތަކެއްވުމުން އެމަޖެންސީގައި އަނބުރާ ޖައްސައިފި އެވެ.

ރާއްޖެއިން ގަތަރުގެ ވެރި ރަށް ދޯހާއަށް މިރޭ ފުރި އެ ފްލައިޓް އެމަޖެންސީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ ދިހައެއް ޖަހަން ކައިރިވެފައިވަނިކޮށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓް ކުރާ، މޯލްޑިވަސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި ޓްވީޓެއްގައި ބުނީ، ކިއުއާރް 677 ފްލައިޓް މިރޭ 9:44 ގައި ވީއޭއީ ގައި ޖައްސާފައިވާ ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފަލައިޓް އެމަޖެންސީގައި ޖެއްސި ސަބަބު ހާމަކޮށްފަ އެއް ނުވެ އެވެ.

ނަމަވެސް އެނގިފައި ގޮތުގައި ރާއްޖޭގެ ވައިގެ ސަރަހައްދުން ބޭރުގައި 38،000 ފޫޓް މަތީގައި އޮތް އެ ފަލައިޓް އަނބުރާ ވީއޭއައިއަށް ޖައްސާފައިވަނީ ޕައިލެޓުން ތިބޭ ކޮކުޕިޓްގެ ބިއްލޫރިގަނޑަށް ލިބުނު ގެއްލުމަކާއި ގުޅިގެންނެވެ.

އެ ފްލައިޓް އަކީ މިރޭ 7:45 ހާއިރު ވީއައިއޭ އިން ފުރައިގެން ގަތަރުގެ ވެރިރަށް ދޯހާއަށް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ފްލައިޓެކެވެ. މިހާރު އެ ފްލައިޓް އޮތީ ވީއައިއޭގަ އެވެ.