ލެސްޓާ ސިޓީން ވިލަރެއާލްއާ ދެކޮޅަށް ކުޅުނު ޕްރި ސީޒަން އެކުވެރިކަމުގެ މެޗުގައި ޑިފެންޑަރު ވެސްލޭ ފޯފާނާގެ ފައި ބިންދައިގެން ގޮސް އަނިޔާވެއްޖެއެވެ.

އުމުރުން އެންމެ 20 އަހަރުގެ ފޯފާނާގެ ފައިގެ ބިންދައިގެން ދިޔައީ "ފިބޫލާ" ގެ ތިރިން ބައެކެވެ. ބިންދައިގެން ދިޔަކަން ފޯފާނާ ޔަގީން ކޮށްދީފައިވާއިރު، އަނިޔާގެ ރިކަވަރީއަށް ބޭނުންވާނެ މުއްދަތާއި، ސާޖަރީއެއް ހަދަން ޖެހޭ ކަމުގެ އެއްވެސް މައުލޫމާތެއް އަދި އެނގިފައެއް ނުވެއެވެ. ފޯފާނާ ބުނެފައި ވަނީ އޭނާގެ ފައި ބިންދައިގެން ދިޔަކަން ޔަގީންވާ ކަމަށާއި، ލެސްޓާގެ މެޑިކަލް ޓީމުން އެންމެ ފަހުގެ ޓެސްޓްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ފޯފާނާގެ ފައި ބިންދައިގެން ގޮސްފައި ވަނީ ވިލަރެއާލްގެ ފާ ނީނޯ ކުރި ނުރައްކާތެރި ޓެކުލަކުންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އޭނާގެ ފައިން ޖެހުމާއެކު ފޯފާނާގެ ފައި ބިންދައިގެން ގޮސް ދަނޑު މައްޗަށް ވެއްޓެއެވެ. ފޯފާނާ ދަނޑުން ބާލަން ޖެހުނީ ސްޓްރެޗާއެއްގައެވެ.

ފޯފާނާއަކީ ލެސްޓާގެ މުހިއްމު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ، އެ ކްލަބުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމުވެސް ފޯފާނާ ހޯދާފައިވާއިރު، އޭނާއަކީ ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދައްކާ ޑިސިޕްލިން ކުޅުންތެރިއެކެވެ. އޭނާގެ ނަން މިދިޔަ ސީޒަނުގައި އެންމެ ގަދަވެގެން ދިޔައީ ރަމަޟާން މަހުގެ ތެރޭގައެވެ. ރޯދައަށްހުރެ މެޗު ކުޅެމުން ގޮސް ބަންގިއާއެކު ރޯދަ ވީއްލުމަށް ވަގުތު ކޮޅަކަށް ދަނޑުގެ ބޭރަށް ފޯފާނާ ޖެހިލުމާއެކު ޕްރިމިއާ ލީގަށް އެކަމުން ބަދަލުތަކެއް ގެނައެވެ.

ފޯފާނާ އެގޮތަށް ރޯދަ ވީއްލިފަހުން މުސްލިމް ކުޅުންތެރިން ރޯދައަށް ތިބެ ކުޅޭ މެޗުތަކުގައި ރޯދަ ވީއްލުމަށް ވަގުތު ކޮޅެއް ދޭން ޕްރިމިއާ ލީގުން ވަނީ އެފަހަރު ނިންމާފައެވެ.

ލެސްޓާއިން އެންމެ އަވަހަށް ދެން ކުޅެން ޖެހޭ މެޗަކީ އެފްއޭ ކޮމިއުނިޓީޝީލްޑު މެޗެވެ. އެ މެޗުގައި ސިޓީއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގައެވެ.