މީހަކު މަރުވި މައްސަލައެއްގައި، ބަދަލުގެ ގޮތުގައި 20.4 މިލިޔަން ޑޮލަރު ސަން އިންވެސްޓް މެންޓްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އިންޑިއާ ރައްޔިތެއް ކަމަށްވާ، ޗެލަކަރަ ރާމަސުވާމީ ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ.

ބަދަލުގެ ގޮތުގައި އެހާ ބޮޑު އަދަދެއް ހޯދަން އޭނާ ދައުވާ ކުރީ، ސަން އިންވެސްޓް މެންޓްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ ރިސޯޓެއް ކަމަށްވާ ސަން އެކުއާ ވިލު ރީފް ރިސޯޓުގައި 2016 ވަނަ އަހަރު ޗުއްޓީ ހޭދަ ކުރަމުންދިޔަ އޭނާގެ ދަރިފުޅު ޝިރިޝް ކުމާރު ރާމަސުވާމީ މަރުވުމުން އޭނާގެ މަރުގެ ބަދަލުގެ ގޮތުގައެވެ.

އެ ދައުވާގައި ބުނެފައި ވަނީ، އެ ރިސޯޓުގައި ޗުއްޓީ ހެދަކުރަމުން ދަނިކޮށް، ޝިރިޝް ކުމާރު ރާމަސުވާމީ ބަލިވެގެން، ރިސޯޓުގައި ވަޒީފާ އަދާ ކުރާ ޑޮރްޖީ ކަނޑޫއަށް ދެއްކުމުން ފަރުވާ ދިނުމުގެ ގޮތުން ދިން ލޭގެ ޕްރެޝަރު ދައްކުރާ، ނިފިޑިޕިން ބޭހާއި ޕްރޮޕްރަނަލޯލް ބޭސްތަކަކީ އެމެޖެންސީ ހާލަތުގައި ދެވޭ ބޭސްތަކެއްތޯ ނުބަލައި އަދި އެއީ އެކުއެކީ ދެވޭ ބޭސްތަކެއްނޫންކަން ނޭނގިހުރެ އެކަށީގެންވާ މެޑިކަލް އިކުއިޕްމެންޓް އަދި ކުއްލި ފަރުވާ ދެވޭނެ އެކަށީގެންވާ ނިޒާމެއް ނެތްތަނެއްގައި އަވަސް ފަރުވާ ދިނުމަށް އެކަށީގެންވާ ތަމްރީނު ނެތި ފަރުވާ ކުޑަކޮށް އަމަލު ކޮށްފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ޝިރިޝް ކުމާރު ރާމަސުވާމީގެ ބަލިހާލު ސީރިއަސްވެ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު އެކިއުޓް ރެސްޕިރޭޓަރީ ޑިސްޓްރެސް ހާލަތަށް ގޮސް ހިތް ހުއްޓިގެން އޭނާ މަރުވެފައިވާތީ ޑޮކްޓަރުގެ އިހުމާލުންވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 20.4 މިލުޔަން ޑޮލަރު ސަން އިންވެސްޓް މެންޓްސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެ ދައުވާގައި އެދިފައިވެއެވެ.

މި މައްސަލަ ސިވިލްކޯޓަށް ހުށަހެޅުމުން ސަން އިންވެސްޓް މެންޓްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޯޓަށް ހާޒިރު ވުމަށް އައްޔަން ކޮށްފައިވާ އެއްފަރާތް ކަމަށްވާ މޫސާ އާލިމާ މެދު ޗެލަކަރަ ރާމަސުވާމީ ވަނީ އިޖުރާއީ ނުކުތާ އެއްވެސް ފާހަގަ ކޮށްފައެވެ.

އެގޮތުން މޫސާ އާލިމް އަކީ މި މައްސަލަ 2016 ވަނަ އަހަރު މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލަށް ހުށަހަޅައި، ކޭސް ރިވިއު ހެދިއިރު ކައުންސިލްގެ މެންބަރަކަށް ވުމާއެކު މި މައްސަލައިގައި މޫސާ އާލިމް މަސައްކަތް ކުރުމަކީ މަސްލަހަތު ފުށުއަރާކަމެއް ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް އެ އިޖުރާއީ ނުކުތާ ހުށަހެޅި ސަބަބުން ފިލައިގޮސްފައިވާތީ މި މައްސަލަ މައުޟޫއީގޮތުން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަމަށް ސިވިލްކޯޓުން އިއްޔެ ވަނީ ނިންމައިފައެވެ.

އެ އިޖުރާއީ ނުކުތާއާމެދު ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނެފައި ވަނީ، މި މައްސަލައިގައި ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާއާ ގުޅިގެން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރިޕޯޓާ ގުޅިގެން މޫސާ އާލިމްގެ މަސްލަހަތު ފުށުއެރުމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެހެން ނަމަވެސް މި މައްސަލައިގައި ސަން އިންވެސްޓް މެންޓްސް ޕްރައިވެޓް ލިމިޓެޑުން މޫސާ އާލިމް ޝަރީއަތުގެ މަޖިލީހުގައި ތަމްސީލު ކުރާނެ ކަމަށް، ސަން އިންވެސްޓް މެންޓްސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ އިޖުރާއީ ނުކުތާ ހުށަހެޅި ސަބަބު ފިލައިގޮސްފައިވާތީ އެސަބަބުގެ މައްޗަށް ބިނާކޮށް މި މައްސަލަ މައުޟޫއީގޮތުން ކުރިއަށް ގެންދިއުމަށް ހުރަހެއްނެތްކަމަށް ނިންމާފައިވާކަމަށް ސިވިލްކޯޓުން ބުނެފައިވެއެވެ.