މޯލްޑިވްސް ސްކައުޓްސް އެންޑް ގައިޑް ފެލޯޝިޕް (އެމްއެސްޖީއެފް)އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް 550 މާސްކު ހަދިޔާކޮށްފި އެވެ.

އެމްއެސްޖީއެފުން މި މާސްކްތައް ހަދިޔާކޮށްފައިވަނީ މިއަދު އެކަމަށްޓަކއި ވެމްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މީގެ ކުރިންވެސް އެމްއެސްޖީއެފުން ވަނީ 1400 މާސްކު ވެމްކޯއަށް ހަދިޔާކޮށްފަ އެވެ. އެ ޖަމިއްޔާގެ އިސް އޮފިޝަލަކު "ވަން"އަށް މިއަދު ވިދާޅުވީ މި މާސްކު ތަކަކަކީ އެ ޖަމިއްޔާގެ ހުރިހާ މެމްބަރުން ގުޅިގެން ތައްޔާރުކުރި މާސްކު ކަމަށެވެ.

"އަޅުގަނޑުމެން މި ޖަމިއްޔާގެ ހުރިހާ މެމްބަރުން ކޮންޓްރިބިއުޓް ކޮށްގެން ފަހާފަ ހުރި މާސްކު މިހަދިޔާ ކުރީ. ވެމްކޯ މުވައްޒަފުން ކުރަމުންދަނީ ގައުމީ މަސައްކަތެއް. އެ މުވައްޒަފުންގެ ރައްކާތެރިކަމަށް މިވަގުތު އެންމެ މުހިންމު އެކައްޗަކީ މާސްކު،" އޭނާ ވިދާޅުވި އެވެ.

ވެމްކޯ އަށް މާސްކު ހަދިޔާ ކުރުމުގެ މަގުސަދަކީ އެ ކުންފުނީގެ މުވައްޒަފުންނަކީ ކޮވިޑުގެ ހާލަތުގައިވެސް ގައުމީ މަސައްކަތުގައި މަގުތައްމަތީގައްޔާއި އެކި އެކި ތަންތަން ސާފުކުރުމަށް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅާއިގެން ތިބޭ ބައެއް ކަމަށްވާތީއެވެ. އެހެން ކަމުން މިފަދަ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށާއި އެކަމަށް ބޭނުންވާ މާސްކު ހަދިޔާ ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވިދާޅުވި އެވެ.

ވެމްކޯގެ މެޖޯރިޓީ މުވައްޒަފުންނަކީ ދިވެހީންނެވެ. ކޮވިޑުގެ އެންމެ ގިނަ ކޭސްތައް ފެނުނު ދުވަސްވަރުގައި ވެސް ވެމްކޯގެ މުވައްޒަފުން ކުރީސަފުގައި ވަނީ މަސައްކަތްކޮށްފަ އެވެ.

އެމްއެސްޖީއެފްއަކީ ގައިޑިން އަދި ސްކައުޓިން ވެލިއުސްތައް ޒުވާނުންގެ މެދުގައި ދިރުވައި އާލާކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ އެކި މުނާސަބާތަކާއި އެކި ހާލަތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ފަންޑު ރައިސިން ހަރަކާތްތަކާއި ޑޮނޭޝަންގެ ހަރަކާތްތައް ހިމެނެއެވެ.