ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ ރިޔާސީ ގެކޮޅު ކަމަށްވާ، މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.

މި މަހުގެ ނުވަ ވަނަ ދުވަހު ހިނގި އެ ހާދިސާގައި ދެ މީހަކު ހައްޔަރު ކުރިއިރު އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފަ އެވެ. ދެވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ އޭނާ ކޯޓަށް ހާޒިރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ދުވަހު އޭނާގެ ބަންދަށް ހަތް ދުވަސް ކުރިމިނަލް ކޯތުން ވަނީ ޖަހާފަ އެވެ. މި މުއްދަތު ހަމަވެ މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

އެ މީހަކީ ބޮމެއް އޮތް ކަމަށް ބުނި މީހާ އެވެ.

އެ ދެ މީހުން މުލިއާގެ ކައިރިއަށް ދިޔައީ ދަބަހަކާއި ރަތްކުލައިގެ ކޮތަޅެއް އަދި ކަރުދާސް ފޮއްޓެއް ހިފައިގެންނެވެ. އެމީހުން އިންޒާރު ދިނީ އެ ފޮށިގަނޑުގައި ބޮމެއް އޮތް ކަމަށް ބުނެއެވެ. އެ އިންޒާރާ ގުޅިގެން ފުލުހުންނާއި ސިފައިން ވަނީ އެމީހުން ގެންގުޅުނު ސާމާނުތަކާއި އެ ފޮށިގަނޑު ބަލައި ފާސްކުރުމަށްފަހު، އެ ދެ މީހުން ހައްޔަރުކޮށްފައެވެ.

މުލިއާގެ ކައިރިން ދަމުން ބޮމެއް އޮތް ކަމަށް ބުނި ދެ މީހަކު ހައްޔަރުކޮށްފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށްފަހު މުލިއާގެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.