ހއ. ތަކަންދޫން ބަލިވެގެން އެ ރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމް 'ވަން' އަށް ވިދާޅުވީ، އޭނާ ބަލިވެގެން ޑޮކްޓަރަށް ދައްކާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުނު އިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އުމުރުން 52 އަހަރުގެ އެ އަންހެން މީހާއަކީ މި ފަހުން އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް ވެސް ނައީމް ވިދާޅުވިއެވެ. އެއާއެކު ކަރަންޓީނުގައި ނެތް އަދި ޓްރެވަލް ހިސްޓަރީއެއް ވެސް ނެތް މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ބަލަން ޖެހޭ ކަންކަން ބަލައި ކޮންޓްކެޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފަހުން ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމަށްފަހު ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެ ބަލި ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފައެވެ. އެހެން ނަމަވެސް ބޮޑު ޗުއްޓީގެ ތެރެއިން އައި އީދު ބަންދާ ދިމާކޮށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަރަންޓީނާ ނުލައި ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހެދުމުން ބައެއް ރަށްތަކުން ދަނީ ކޮވިޑުގެ ކޭސްތައް ފެންނަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު