ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތުކޮށްދިނުމަށްފަހު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިގޮތަށް ވިދާޅުވެފައި މިވަނީ ޔާމީން މިހާރު ހުންނެވީ ޖަލު ހުކުމެއްގައި ކަމަށާއި، އެ ހާލަތުގައި ހުންނަވައިގެން އިންތިހާބު ތަކުގައި އެމަނިކުފާނަށް ވާދަ ކުރެއްވިގެން ނުވާނެ ކަމަށް އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ގަދަ މަސައްކަތުން އަދި ރައްޔިތުންގެ ލޯތްބާ އެކު 2023 ގައި ރައީސް ޔާމީން ވެރިކަމަށް އިންސާފުވެރި އިސްތިއުނާފަކުން މައުސޫމްކަން ސާބިތުކޮށްދީގެން ކަމަށެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު ޕްރޮގްރާމް" މިއަދު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ވިދާޅުވީ މީހަކު ކުށެއް ކޮށްފިއްޔާ އެ ކުށުގެ އަދަބު ލިބުމަކީ ގާނޫނީ ގޮތުން އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"މީހަކު ކުށެެއް ކޮށްފިއްޔާ އެ ކުށުގެ އަދަބު ލިބުމަކީ ގާނޫނީގޮތުން އެންމެ ރަނގަޅު ކަމެއް، އަޅުގަނޑު ބެހޭކަށް ބޭނުމެއްނޫން ޝަރީއަތަކާ، އެއަށް އެއްޗެއް ބުނާކަށް ބޭނުމެއް ނޫން އެހެން ނަމަވެސް މިހާރު ޔާމީން އެހުންނެވީ ކުށެއް ސާބިތުވެގެން ޖަލުގައި އެހެން ހުންނަވަނިކޮށް އެނާ ނިކުމެ ވަޑައިގެން އެކަހަލަ ކަމެއް ކުރެއްވިގެންނުވާނެ،" ރައީސް މައުމޫނު ވިދާޅުވިއެވެ.

ނަމަވެސް ޖަލުން މިނިވަންވެ ވަޑައިގެން "މިސާލަކަށް އެ ޝަރީއަތް ބާތިލު ވެގެން، ސުޕްރީމް ކޯޓުން ބާތިލު ކޮށްގެން ނުވަތަ އެނޫން ގޮތަކުންވެސް މިނިވަންވެވަޑައިގެން ނުކުމެވަޑައިގެންފިއްޔާ ދެން އަދި ތަފާތު، އެވަގުތު މަސައްކަތް ކުރެއްވުމަކީ އެންމެ ރަނަގަޅު ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޔާމީނާ ދެބޭފުޅުން ކޯލީޝަނެއް ހައްދަވައިގެން، އެ ދެބޭފުޅުންނަށް މަސައްކަތް ކުރެއްވިދާނެތޯ، ދެންނެވި ސުވާލަށް ރައީސް މައުމޫނު ވިދާޅުވީ އެކަމަށް އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ނަމަވެސް އެ ދެބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު (ރައީސް ޔާމީން) މިހާރު ހުންނެވީ ޖަލުގައި ކުށެއް ސާބިތުވެގެން ކަމުން، ބޭރަށް ނިކުމެވަޑައިގެން މީހުންނާ ވާހަކަ ދައްކަވައި ބައްދަލު ކުރެއްވުމުގެ ދައުރެއް މިިހާރު ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

އެފަދަ ކަމެއްގައި ނެތް ދިވެހި ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތްކުރުން އެންމެ ރަނގަޅު ވާނެ ކަމަށާއި، އެއް ފިކުރެއްގެ ބަޔަކު ގުޅިގެން އެގޮތަށް ޕާޓީވެސް ހެދިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެެގޮތުން މިހާރުވެސް އެކި މީސްމީހުން ސިޔާސީ ޕާޓީތައް ހަދަމުންދާކަން ރައީސް މައުމޫނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.