އިދިކޮޅު ޕީޕީއެމްއާ ދުރަށް ގޮސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ އެމްޑީޕީން ފޮނުވި ފަނިތަކެއްގެ ސަބަބުން ކަމަށް މިރޭ އަލުން ޕީޕިއެމްއާ ގުޅިވަޑައިގެންނެވި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމަށް އަލުން ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މަލީހު ވިދާޅުވ،ީ ރައީސް ޔާމީނުގެ ލީޑަޝިޕްގެ ދަށުގައި މަސައްކަތް ކުރުމުގެ ފުރުސަތު އަލުން ލިބުމަކީ އުފާވާ ކަމެއް ކަމަށާއި ގައުމަށް ތަރައްގީ ގެނެވޭނެ ވެރިޔަކީ ރައީސް ޔާމީން ކަމަށެވެ.

މަލީހު ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި ޕީޕީއެމްއާއެކު އުޅެފައި ޕާޓީ ދޫކޮށްލަން ޖެހުނީ އެމްޑީޕީން އެޅުވި ފަނިތަކެއްގެ ސަބަބުން ކަމަށެވެ.

"ޕީޕީއެމާ އެއްފަރާތަށް ޖެހެން މަޖުބޫރުވީ، އެމްޑީޕީގެ ތެރެއިން ފޮނުވި ފަނިތަކެއްގެ ސަބަބުން. އަޅުގަނޑު މިއަދު އުފާކުރަނީ އެ ހުރިހާ ފަނިތަކެއް މިއަދު މިވަނީ އެނބުރި އެމްޑީޕީގެ ތެރެއަށް ގޮސްފައިވާތީ. އެބޭފުޅުން ހަލާކުވެ އެދަނީ. އެބޭފުޅުން އެތިއްްބެވީ އެތާނގައި،" މަލީހު ވިދާޅުވިއެވެ.

މަލީހު އިތުރަށް ވިދާޅުވީ، ރައީސް ސޯލިހާއެކު އެއްވެސް ސިޔާސީ ޕާޓީއަކުން ކޯލިޝަން ހަދައިގެން ތިބުމުގެ ބޭނުމެއް ނެތް ކަމަށާއި 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަަށް ރައީސް ޔާމީން ގެންނާނެ ކަމަށެވެ.

މަލީހު ވިދާޅުވީ، މި ސަރުކާރަށް ގެނެވުނު ތަރައްގީގެ ބޮޑު މަޝްރޫއެއް ނެތް ކަމަށާއި އިގުތިސޯދީ ގޮތުން ގައުމު ވަރަށް ދަށަށް ވެއްޓިފައިވާ ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް މިހާރު ނެތްކަން ފާހަގަކުރައްވައި ވިދާޅުވީ، ކެބިނެޓުގައިވެސް ހިޔާލު ފާޅުކުރުމުގެ ޖާގައެއް ވަޒީރުންނަށް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ނުވަ ދުވަސް ފަހުން މާޗު ދިހަވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން މަލީހު ގެންދަވަނީ އެކިއެކި މަންސަތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.