ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގަންވަން ނިންމައިފިއެވެ.
ޕީޕީއެމްއާ ގުޅިވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް މަލީހު މިރޭ ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް ޕީޕީއެމްއާ ގުޅިވަޑައިގަންނަވާ ސަބަބެއް ވިދާޅެއް ނުވެއެވެ.
ކުރިން ވެސް ޕީޕީއެމްގައި މަސައްކަތްކޮށް، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރުކަން ކުރެއްވި މަލީހު ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނީ މިރޭ އެ ޕާޓީން ބާއްވާ ހާއްސަ އިވެންޓެއްގަވެ. އެ އިވެންޓް ތާވަލުކޮށްފައި އޮތީ މިރޭ 9:00 ގައި ޕީޕީއެމް އޮފީހުގައެވެ.
ކޮމިއުނިކޭޝަން މިނިސްޓަރުކަން މަލީހު ކުރައްވާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުން މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ނުވަ ދުވަސް ފަހުން މާޗު ދިހަވަނަ ދުވަހު މަލީހު ވަނީ ޖުމްހޫރީ ޕާޓީން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން މަލީހު ގެންދަވަނީ އެކިއެކި މަންސަތަކުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު