ފޮރިން މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ހިދުމަތްކުރެއްވުމަށް ފަހު ވަކިވެވަޑައިގަތް ދުވަހު އޭރުގެ ފޮރިން މިނިސްޓަރު މަރްހޫމް ފަތުހުﷲ ޖަމީލް ދެއްވި ޓައީ އަޅުއްވައިގެން ފޮރިން މިނިސްޓްރީގެ އާ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ވަޑައިގެންފިއެވެ.

ފަތުހުﷲ ޖަމީލުގެ ނަމަށް ފޮރިން މިނިސްޓްރީ ހުންނަ އިމާރާތުގެ ނަން ބަދަލުކުރެއްވުމަށް ފަހު މިއަދު އަލުން ހުޅުއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ފަތުހުﷲ ޖަމީލުގެ ގައުމީ ހިދުމަތުގައި ދިވެހި ދައުލަތުގައި އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ އެ މުއައްސަސާ ބިނާކުރެއްވުމުގައި ކަމަށެވެ.

އެގޮތުން، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި، މުއަތަސިމް އޭރު ފޮރިން މިނިސްޓްރީން ވަކިވެވަޑައިގެންފައިވަނީ ވިއްސަކަށް އަހަރު ހިދުމަތް ކުރެއްވުމަށްފަހުގައި ކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ކިޔަވާ ވިދާޅުވުމަށް މިނިސްޓްރީގައި ހުންނަވައިގެން ބޭރުގައި ހުންނެވި މުއްދަތުތައް ކަނޑާލުމުން ގާތްގަނޑަކަށް 18 ވަރަކަށް އަހަރު މެދުނުކެނޑި އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

"މިއަދު ހެނދުނު އަޅުގަނޑާ ބައްދަލުވެގެން އުއްތަމަ ފަނޑިޔާރު އަޅުގަނޑު ކައިރީ ވިދާޅުވީ އެމަނިކުފާނު 18 އަހަރު މި މިނިސްޓްރީގައި މަސައްކަތްޕުޅު ކުރެއްވުމަށްފަހު، ވަކިވެވަޑައިގެންނެވި ދުވަހު މި މިނިސްޓްރީގެ މުވައްޒަފުން އެމަނިކުފާނަށް ވެދުމަކަށް ޓައިއެއް އެރުވި ވާހަކަ. އެ ޓައި އުއްތަމަ ފަނޑިޔާރަށް އެ ދުވަހު ރައްދުކޮށްދެއްވީ އޮނަރަބަލް ފަތުހުﷲ ޖަމީލް. މިއަދު އުއްތަމަ ފަނޑިޔާރު މަނިކުފާނު އެ ޓައި ތުރުކުރައްވައިގެން ހުންނެވީތީ އަޅުގަނޑުމެން މަނިކުފާނަށްޓަކައި ފަހުރުވެރިވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ފަރާތުން ފެނިފައިވަނީ ހާރިޖީ "ޓީމު ވޯކް" ކަން ފާހަގަކުރައްވައި އަބްދުﷲ ޝާހިދު ވިދާޅުވީ، ގުޅުން އޮންނާނީ ހަމައެކަނި މަގާމުގައި ތިބޭ އިރަކު ނޫން ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް އަތުރާލާފައިވާ ސަފުތަކުގެ ތެރެއިން 'ފަސްޓް ލައިން އޮފް ޑިފެންސް' އެކީ އެ ފަރާތްތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.