ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ ފެރީތަކުގެ ޓެސްޓު ފެރީ އަންނަ މަހުގެ ތެރޭގައި ކަނޑަށް ބޭލޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީން އަންނަނީ ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް 17 ފެރީއެއް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ބަނުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖޭގައި ހައި ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ބޭނުންވާ ފެރީތަކާއި ރަށްރަށުގައި އަޅަން ޖެހޭ ޓާމިނަލް ތަކާއި ސާވިސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުންމީދު ކުރަނީ އަންނަ މަހުގެ ތެރޭގައި ފެރީތައް ޓެސްޓު ކުރެވޭ ވަރުވުން ކަމަށެވެ.

"ސްޕީޑް ފެެރީ ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ހަވާލުކޮށްގެން މިހާރު ކުރިއަށް އެބަދޭ. އަޅުގަނޑަށް އުންމީދު ކުރެވެނީ ޓެސްޓް ފެރީ އޮގަސްޓްމަހުގެ ތެރޭގައި ކަނޑަށް ބޭލިގެން ޓެސްޓު ކުރެވިގެންދާނެ ކަމަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2023 ގެ ކުރީކޮޅުގައި ރާއްޖޭގެ ހުރިހާ ހިސާބެއް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުން ކަމަށާއި އެ ނިޒާމު ފުރިހަމަވާއިރު 60 ފެރީ ހަރަކާތްތެރިވާނެ ކަމަށެވެ.

އެމްޓީސީސީން މީގެ ކުރިން ބުނީ އެ ފެރީތަކަކީ 50 މީހުންގެ ޖާގައިގެ 30 ނޮޓްގެ ބާރުމިނެއްގައި ދުވާ ފެރީތަކެއް ކަމަށާއި އެއީ އެކުންފުނިން މިހާރު ބޭނުން ކުރާ ފެރީތަކަށްވުރެ ތިން ގުނަ އަވަސް ފެރީތަކަކަށް ވާނެ ކަމަށެވެ.

މި ފެރީތައް ބަނުމުގައި އިސްކަންދޭނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އެގޮތުން ފެރީގެ ސީޓާއި ފަސެންޖަރުންގެ ކެބިން ފަރުމާ ކުރެވޭނީ މިފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނެ ގޮތަށް ކަމަށާއި އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމުތަކެއް ފެރީތަކުގައި ގާއިމު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. އަތޮޅާއި ހދ. އަތޮޅު އަދި ށ. އަތޮޅުގައި ހިމެނޭ ހުރިހާ ރަށެއް ފެރީ ވިއުގައަކުން ގުޅާލާނެއެވެ. އެގޮތުން އެ ތިން އަތޮޅުގެ ޖުމުލަ 41 ރަށަކަށް ހިދުމަތް ދޭނެއެވެ. އެ މަޝްރޫއުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރަން ޖެހެއެވެ.

ފެރީ ނިޒާމު މަޝްރޫއުގެ ދަށުން ޓާމިނަލް އާއި ފެރީ ސްޓޮޕްތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ހޯރަފުއްޓާއި އިހަވަންދު އާއި ދިއްދޫގައި ފެރީ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށައި އެހެން ޓާމިނަލްތަކާއި ފެރީ ސްޓޮޕްތަކުގެ މަސައްކަތްތައް ފެށުމަށް ޓީމުތައް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.