ފަލަސްތީނުގެ ބިންތަކަށް އިޒްރޭލުން ވެރިވެގަތުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފް އަނިޔާތައް ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސއުދު ހުސެއިން ހުށަހެޅުއްވި ގަރާރެކެވެ.
މި ގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތާ ހިލާފް އަނިޔާތައް ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވެސް ވަނީ ގޮވާލައިފައެވެ. އަދި އެ މައްސަލައާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ބައިނަލް އަގުވާމީ މުޖުތަމައަށް ހާމަ ކުރުމަށް ވެސް ގަރާރުގައި ހިމަނައިގެން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
މި ގަރާރުގައި ބުނެފައި ވަނީ، 1967 ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ރާއްޖެ އަބަދުވެސް ގަބޫލު ކުރާ ކަމަށެވެ.
އިޒްރޭކުން ފަލްސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެ ބިންތަކަށް ވެރި ވުމަކީ ފަލަސްތީނާއި އިޒްރޭލް ސުލްހަވެ، ވަކި ދެ ދައުލަތެއް ގާއިމް ކުރަން ކުރާ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުމެއްނެތް ގޮތުގައި ތަކުރާރު ވަމުން ދިއުމަކީ އިންސާނީ ކަރާމާތާއި، އިންސާނީ ޝަރަފް ނަގާލުން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއީ ބައިނަލް އަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފް އަމަލުތަކެއްކަމަށްވެސް ބުނެފައިވެއެވެ.
ދިވެހި ރައްޔިތުން ތިބީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައިކަން ރައްޔިތުންގެ މަޖިލީހުން ހާމަ ކުރުމަކީ ފަލަސްތީނުގެ ބިންތައް ފޭރިގަތުން ހުއްޓުވުމާއި، ފަލަސްތީނުގެ މިނިވަންކަމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ގައުމުތަކާއި، ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކަށް އިތުރު ކުރިއެރުމަކަށް ވެގންދާނެ މުހިއްމު ކަމެއް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
މި ގަރާރު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 47 މެންބަރުންގެ ތެެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު