ދިވެހި ބަހުން ލިޔެފައިވާ ނަސޯރާ ދީނުގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް ގެންނަ ލިޔެކިޔުންތައް ބަލާ ފާސްކުރުމުގެ ތެރޭގައި، މިފަހަކަށް އައިސް ނަސޯރާ ދީނުގެ މައުލޫމާތު ދިވެހި ބަހުން ލިޔެފައިވާ ލިޔުންތަކެއް ބޭރުގެ އެކި އެކި ފަރާތްތަކުގެ ނަމުގައި ރާއްޖެއަށް ފޮނުވަމުން އަންނަ ކަމަށެވެ.
އެގޮތުން މި ލިޔުންތައް ރާއްޖެއަށް ފޮނުވާފައި ހުންނަނީ ސިޓީއުރާގައި ބަންދުކޮށް، ރާއްޖޭގެ ތަފާތު މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތައް އަދި އަމިއްލަ ފަރުދުންނަށް އެޑްރެސް ކޮށްފައި ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން މިކަމަކީ އެލިޔުންތައް އެޑްރެސް ކޮށްފައިވާ ފަރާތްތަކަށް އެނގުމަކާ ނުލައި، އޮޅުވާލުމެއްގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނީ މިފަދަ ލިޔުންތައް ރާއްޖެއަށް އެތެރެވިޔަނުދީ ހިފަހައްޓަމުން އަންނަ ކަމަށާއި މިކަމުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތައް ހޯދައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދީ ހުއްޓުވުމަށްޓަކައި ފުލުހުންނާ ގުޅިގެން މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ފޮތްތައް ރާއްޖެ ގެނައުމާއި އެފަދަ ފޮތްތައް އިޝްތިހާރުކުރުމާއި ދިވެހިންނަށް ދެއްކުމާއި އެފަދަ ފޮތްތަކުގެ މައުރަޒުތައް ބޭއްވުމާއި ވިއްކުމާއި ދިނުމާއި އަދި ރާއްޖޭގައި އާންމުކޮށް ފެންނަ ގޮތަށް ގެންގުޅުމަކީ މަނާކަމެކެވެ.
ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން، އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ވާހަކަ ލިޔެފައި ހުންނަ ނުވަތަ އެފަދަ ކުރެހުން ހުންނަ ފޮތްތަކޖާއި މަޖައްލާ، ނޫސްފަދަ ތަކެއްޗާއި މިފަދަ ވާހަކަ އާއި މަންޒަރު އަޅާފައި ހުންނަ ޓޭޕް، ޑިސްކެޓް ފަދަ ތަކެއްޗާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތާފަދަ ތަކެތި ރާއްޖެއަށް ގެނައުމާއި ރާއްޖޭގައި އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ފެތުރުމަކީވެސް މަނާ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު